ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް މިއަދު ވިދާޅުވީ، އިއްޔެ ހެނދުނު ކުރި ވިއްސާރާގައި ވެހުނު ވާރޭ ކޮޅަކުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ގާތްގަނޑަކަށް ދެ ފޫޓަށް ފެންބޮޑުވި ކަމަށެވެ.

އަދި އެކަމުގެ ސަބަބުން 13 ވަރަކަށް ގެއަށް ފެން ވަދެ، އެ ގެތަކުގައި ހިފައި ގެންގުޅޭ އެއްޗިއްސަށާއި ފަރުނީޗަރުތަކުގެ އިތުރުން އެ ގެތަކުގެ ގޯތި ތެރޭގައި ހައްދާފައިވާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ތިމަރަފުއްޓަށް އިއްޔެ ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއަކަށް ފެންވަދެ ގެއްލުން ލިބިފައި --- ފޮޓޯ/ ތިމަރަފުށީ ކައުންސިލް

"މިހާރު ވެސް ކޮންމެ ވެސް ވަރަކަށް ވާރޭ އެބަ ވެހޭ. އިއްޔެ ވެހުނު ވާރޭގައި 13 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިގެން އެ ގެތަކުގެ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލުކުރަން ޖެހުނު. ނަމަވެސް މިހާރު އެ ގެތަކަށް އެނބުރި ވަނީ ބަދަލުވެފައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިސްމާއިލް އިބްރާހިމް ވިދާޅުވީ، ރަށުގައި އިއްޔެ ބޮޑުވި ފެންގަނޑު ހިއްކީ އެ ރަށުގައި އޮންނަ އެއާޕޯޓުން ގެންގުޅޭ ޕަންޕެއް ގެނެސްގެންނާއި ކޯރު ކަނޑައިގެން ކަމަށެވެ.

ތިމަރަފުއްޓަށް އިއްޔެ ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައި --- ފޮޓޯ/ ތިމަރަފުށީ ކައުންސިލް

ރަށުގައި މިހާރު އުޅޭ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 2000 އެއްހާ ރައްޔިތުން އުޅެމުންދާ ތިމަރަފުއްޓަކީ ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ފެންބޮޑުވާ ރަށެކެވެ.

އަދި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެރަށުގައި ޕަމްޕު ސްޓޭޝަނެއް ގާއިމްކުރުމަށް ކައުންސިލާއި ސަރުކާރުން މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.