އަޅުގަޑުމެންނާ ހަމައަށް ވާރުތަވެފައި ހުރި ހުރިހާ ތަރިކަތައް ދެން އޮތް ޖީލުތަކަށް ގެންދިއުމަށް ޒުވާނުން ތަމްރީންކުރަން ޖެހޭ ކަމަށް ޔުނެސްކޯ އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ތަރިކައިގެ ދުވަހުގެ ގޮތުގައި މިއަދު ފާހަގަ ކުރާއިރު، އެ ދުވަހާ ގުޅިގެން ޔުނެސްކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ތަރިކަތައް ދެމެހެއްޓުމަށް ޒުވާނުން ތަމްރީންކުރެވޭނީ އެކަމާމެދު ޒުވާނުން ތައުލީމީގޮތުން ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.

ވާލްޑް ހެރިޓޭޖް އެޑިއުކޭޝަން ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގެ ޒުވާނުންނަށް އެކިއެކި ފޯރަމްތަކާއި އަދި އެނިމޭޓެޑް ފިލްމުތަކާއި ދަރުމައަށް މަސައްކަތްކުރާގޮތަށް ބާއްވާ ކޭމްޕްތަކާއި އެކި އެކި ވޯކްޝޮޕްތަކެ އިތުރުން ޓީޗަރުންނާއި ވޯކްޝޮޕްތަކާއި އަދި އެކިއެކި ތައުލީމީ ވަސީލަތްތައް ބޭނުންކޮށްގެން ދަނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

ރ. މީދޫގައި ހުންނަ ކުރީގެ އާސާރީ މިސްކިތް ނުވަތަ ހުކުރު މިސްކިތް: އެ މިސްކިތް ވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައި

އަންނަން އޮތް ޖީލުތަކުގައި ތަރިކަތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރުމަށް ނިންމުންތައް ނިންމުމަށް މަސައްކަތްކުރާ ފަރާތްތަކަށް ނެތެމުންދާ ތަރިކަތައް ރައްކާތެރިކުރުމަށް މަސައްކަތްކުރެވިގެން ދާނެ ކަމަށް ޔުނެސްކޯ އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ވާލްޑް ހެރިޓޭޖް ވޮލަންޓިއާސް އިނީޝިއޭޓިވްގެ ދަށުން މިހާތަނަށް 61 ގައުމެއްގެ 142 އާސާރީ ތަރިކަތައް ހިމެނޭ ސަރަހައްދުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ މަސައްކަތްކޮށްފަ އެވެ.

ރާއްޖޭގެ ތާރީހާ ގުޅޭ ތަރިކަތައް ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްއާ ދެމެދު އެއްބަސްވުމެއްގައި މިދިޔަ ހަފުތާގައި ވަނީ ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގެ ދަށުން "މޯލްޑިވިސް ހެރިޓޭޖް ސާވޭ"ގެ ނަމުގައި ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ސާވޭގެ ދަށުން އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާކުރެވޭނެގޮގް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ސާވޭގެ ދަށުން މިސްކިތްތަކާއި މަހާނަ ގައުތަކާއި ހަތްތެލިތައް ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯނެގުމާއި ތްރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުމާއި ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން އާންމުކޮށް ހުޅުވައިލާ އޮންލައިން ޑޭޓާ ބޭސްއަކުން އެ މައުލޫމާތު ލިބެންހުންނާނެ ގޮތް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.