18 Apr 2018, 11:59
ބައިނަލްއަގުވާމީ ތަރިކަ ދުވަހާ ގުޅިގެން ހެރިޓޭޖް ޑިޕާޓްމަންޓުން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބައިނަލްއަގުވާމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަަގަކުރަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެެވެ.
ހެރިޓޭޖު ޑިޕާޓުމަންޓުން މިއަދު އާންމުކުރި އިއުލާނުގައި ބުނީ އެ ކުރެހުމުގެ މުބާރާތުގައި 13 އަހަރުން މަތީގެ ކޮންމެ ބޭފުޅެއްވެސް ބައިވެރިވެވޭނެ ކަމަށެވެ.
މިއަދު ހުޅުވާލި ކުރެހުމުގެ މުބާރާތް ތިން ދާއިރާއަކުން ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ޑިޖިޓަލް އިލަސްޓްރޭޝަނާއި، ޕެއިންޓިންގްސްއާއި އަދި ފޮޓޯ ހިމެނެއެވެ.
ކުރެހުމުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަވާ އައިޑެންޓިޓީ - އަވާ ހެރިޓޭޖް"އެވެ.
ހެރިޓޭޖް ޑިޕާޓްމަންޓުން ބުނީ ހުށަހަޅާ ކުރެހުމަކީ ހަމައެކަނި އެންމެ މީހަކު ކުރަހައިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ހުށަހަޅާ ކުރެހުން އޭފޯ އަދި އޭޓޫ ސައިޒަށް ފެތެން ޖެހޭނެ ކަަމަށާއި، އަދި އެ ކުރެހުމާ ބެހޭގޮތުން މަދުވެގެން 100 ބަސް ހިމެނޭ ލިޔުންކޮޅެއް ކުރެހުމުގެ ބޭރުގަނޑުގައި އޮންނަން ޖެހޭނެ ކަމަށެެވެ.
އެ މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް އޮކްސްފޯޑް ހެރިޓޭޖް ޓީމްއާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުަސަތު ދިނުމާއެކު، 1،500 ރުފިޔާގެ އަގުހުރި އިނާމްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް އަންނަ ފަރާތްތަކަށް ދެމީހަކަށް އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދިނުމާއި އަދި ތިންވަނައަށް އަންނަ ފަރާތަކަށް ކުރެހުމާ ގުޅޭ އެކިއެކިއެއްޗެތި ދިނުމަށް ހަމަޖެހިފައިވެއެވެ.