30 Aug 2011, 15:01
އެމްއެންޑީއެފް އޮފިސާ ކޯގެ ބައެއް އޮފިސަރުންނަށާއި އެންލިސްޓެޑް ކޯގެ ބައެއް ސިފައިންނަށް އިއްޔެ މަގާމުގެ ކުރިއެރުން ދެއްވައިފި އެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، އޮފިސަރުންނަށާއި އެންލިސްޓެޑް ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބަންޑާރަ ކޮށީގައި އިއްޔެ ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް ޕްރޮމޯޝަން ލިބުނު ސިފައިންގެ އަދަދެއް ބުނެފަ އެއް ނެތެވެ.
މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންގެ ކޮނޑުގައި ރޭންކު ހަރުކޮށްދިނީ އެސިފައިންގެ އާއިލާތަކުގެ މީހުންނެވެ. ކުރިއެރުން ލިބުނު އެންލިސްޓެޑް ކޯގެ ސިފައިންނާ ރޭންކު ހަވާލުކޮށް ދިނީ ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.
އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ ތޮލްޙަތު އިބްރާހިމް ކަލޭފާނު ވިދާޅުވީ، އެމްއެންޑީއެފް، އަދި މިގައުމު މިދަނީ ވަރަށް ބޮޑު ބަދަލުތަކެއްގެ ތެރެއިން އާ ނިޒާމްތަކަކަށް ކުރިމަތިލަމުން ކަމަށެވެ. އަދި އަލަށް އަންނަމުންދާ މި ބަދަލުތަކުގެ ތެރޭގައި އޮފިސަރުންނަކީ އެމީހުންގެ އެޓިޓުއުޑް ވަރަށް ސާދާކޮށް ހުންނަންޖެހޭ ބައެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކުރިއަށް މި އޮތް ގޮންޖެހުންތަކަށް ބަލާއިރު، ކަންތައްތައް ފަހަށް ޖައްސާލާފައި ތިބެވެން ނެތްކަމަށާއި، ލާނިންގ ޕްރޮސެސް ކުރިއަށް ނެރެ، އުނގެނުމާއި ނަފުސު ތަރައްގީކުރަން އެބަޖެހޭކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އޮފިސަރުން، ވާންޖެހޭނީ ކަންކަމާއި ކެރިގެން ކުރިމަތިލާ ބަޔަކަށް ކަމަށާއި ލިބޭ ރޭންކު ހިފައިގެން ހަމައެކަނި ރޫޓިން މަސައްކަތެއް ކޮށްލައިގެން މިއަދު ތިބެވެން ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާކަމަކަށް އިސްނަގައި، އެމީހަކަށް ކޮށްދެވޭނެ އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
"އަދި އޮފިސަރުން ވާންޖެހޭނީ އަދުލު އިންސާފު ޤާގާއިމްކުރުމާއި ދަށުން މަސައްކަތްކުރާ ސިފައިންނަށް ރަނގަޅު މަގުދައްކައިދޭ ބަޔަކަށް ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،" ބަޔާނުގައި ބުނެ އެވެ.
މަގާމުގެ ކުރިއެރުން ދެއްވުމަށް ވަކިވަކިން އިއްޔެ ބޭއްވި ދެ ރަސްމިއްޔާތުގައި ވެސް، ލ. ކައްދޫ ޓްރޭނިން ސެންޓަރުގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ސާޖަންޓް އިބްރާހިމް ޝައުކަތުގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފައިވެ އެވެ. އަދި މަގާމުގެ ކުރިއެރުން ލިބިލެއްވި ސިފައިންނަށް ހުވާ އާކޮށްދެއްވާފައިވެ އެވެ.
ނިމިގެން ދިޔަ މިނިވަން ދުވަހު ވެސް ސިފައިންގެ އިސް ބޭފުޅުންތަކަކަށް މަގާމުގެ ކުރިއެރުން ދީފަ އެވެ.