18 Apr 2018, 10:11
އިންޑިއާގެ ގިނަ ބޭންކުތަކުގައި ފައިސާއަށް ޖެހި އެ ގައުމުގެ ގިނަ ސްޓޭޓްތަކުގެ އޭޓީއެމްތަކުން ނަގުދު ފައިސާއަށް ޖެހިއްޖެ އެވެ.
މިއީ އިންޑިއާއިން 2016 ވަނަ އަހަރު އެގައުމުގެ ފައިސާގެ ބައެއް ނޫޓުތައް އުވާލައި އާ ފައިސާ ނޫޓުތައް ނެރުނު ފަހުން ނަގުދު ފައިސާއަށް އެހާ ބޮޑަށް ޖެހުނު ފުރަތަމަ ފަހަރެވެެ.
ނަގުދު ފައިސާއަށް އެންމެ ބޮޑަށް ޖެހިފައިވާ ސްޓޭޓްތަކުގެ ތެރޭގައި ހައިދަރު އާބާދު، ސޫރަތު ، ބޯޕާލް، ދިއްލީ އަދި ވަރަންސާއި ހިމެނެ އެވެ.
ނަގުދު ފައިސާއަށް ވަރަށް ބޮޑަސް ޖެހިފައިވިއަސް އިންޑިއާގެ ފައިނޭންސް މިނިސްޓަރު އަރުން ޖެޓްލީ ވިދާޅުވީ އެގައުމުގައި ފައިސާ އެބަހުރި ކަމަށާއި އަދި މިއީ ވަގުތީ ގޮތުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ އިންޑިއާގެ ބައެއް ހިސާބުތަކުގައި މާގިނައިން ފައިސާ ނަގަމުންދާތީ ދިމާވާ މައްސަލައެއް ކަމަށެވެ.
ފައިސާއަށް އެހާ ބޮޑަސް ޖެހިގެން އުޅޭ ސީދާ ސަބަބު އިންޑިއާއިން ބުނެފައި ނުވި ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އޭގެ ފަހަތުގައި ބައިވެރި ސަބަބުތައް ހުރި ކަމަށް ބުނަމުންނެވެ. އިންޑިއާގެ އަބްބިތު ކެޕިޓަލްގެ ޗީފް އެކްޒިކުޓިވް ސޯރަބް މުކަރުޖީ ވިދާޅުވީ މިއީ މޯދީގެ ސަރުކާރުން ފައިސާގެ ނޫޓުތައް އުވާލުމުން، ފައިސާގެ ޑިމާންޑް އަނެއްކާ ވެސް ބޮޑުވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.
ކުރިން ފައިސާ ވަަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި އޮތް ނަމަވެސް މިހާރު އެ ކޮންޓްރޯލް ދޫކޮށްލުމުން އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ގިނަ ބަޔަކު ދަނީ ފައިސާ ނަަގަމުންނެވެ.
އިންޑިއާގައި ކުރިއަށް އޮތް އިންތިހާބަށް ސިޔާސީ ފަރާތްތަކުން މާގިނައިން ހަރަދުކުރަމުންދާތީ ފައިސާއަށް އޮތް ޑިމާންޑް އިތުރުވެފައިވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިންޑިއާގައި ދެވަނަ އެންމެ ގިނައިން ލޯނުދޭ ޕަންޖާބު ނެޝަނަލް ބޭންކުން ގަވައިދާ ހިލާފަށް އެތަކެއް ބިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދީފައިވާ މައްސަލަ ވެސް އިންޑއާގައި ދާދި ފަހުން ވަނީ ހޫނުވެފަ އެވެ. ޕަންޖާބު ބޭންކުން ލޯނު ނެގި އިންޑިއާގެ ވިޔަފާރިވެރިޔާ ނިރަވް މޯދީ ވަނީ ގައުމު ދޫކޮށް ފިލައިފަ އެވެ. އެ ބޭންކު ބޭންކުރަޕްޓް ވުމާ ގާތަށް ގޮސްފައިޥާއިރު އިންޑިއާގެ އެހެނިހެން ބޭންކުތަކުން ވެސް އެތަކެއް ބިލިއަން ޑޮލަރުގެ މައްސަލަަތައް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ.