18 Apr 2018, 10:18
މުޅި ދުނިޔޭގައި ވެސް ކަނޑުއަޑީގައި އަޅާ ފުރަތަމަ ގެ ނުވަތަ ރެޒިޑެންސެއް އދ. ރަންގަލިފިނޮޅުގައި ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައި އަޅަން ނިންމައިފި އެވެ.
މިއީ 15 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެކެވެ.
ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ވެސް ހުޅުވީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގަ އެވެ. މިއަހަރަކީ "އިތާ" ރެސްޓޯރަންޓަށް 13 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލިން ކުރިއަށް އިތުރު ފިޔަވަޅެއް އަޅައި، 15 މިލިޔަން ޑޮލަރުގެ، ކަނޑުއަޑީގެ ރެޒިޑެންސެއް އެ ރިސޯޓުގެ ފަޅުތެރޭގައި އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ ރިސޯޓުން ބުނާ ގޮތުގައި "މުރަކަ"ގެ ނަން ދޭ އެ ޕްރޮޕަޓީ ހަދަނީ ހުރިހާ ދިމާލަކުން އިންޑިއާ ކަނޑުގެ އަޑީގެ ރީތިކަން ފެންނާނެ ފަދަ ގޮތަކަށެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލީގައި އަޅާ "މުރަކަ" ރެޒިޑެންސްގެ މަތީ ޑެކް ހުންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ ކޮންރެޑް
މުރަކަ ރެޒިޑެންސް
މުރަކަ ރެޒިޑެންސްއަކީ ދެ ބުރިއަށް ނުވަތަ ލެވެލްއަށް ހަދާ ޕްރޮޕަޓީއެކެވެ. ކަނޑުގެ ފަސް މީޓަރު ނުވަތަ ގާތްގަނޑަކަށް 16 ފޫޓު އަޑީގައި ހުންނަ މި ރެޒިޑެންސްގެ އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ ކިންގް ސައިޒް ބެޑްރޫމަކާއި ލިވިންގް އޭރިއާއަކާއި ފާހަނާއެކެވެ. އަދި މަތީ ބުރިއަށް ދެވޭ ގޮތަށް ސްޕައިރަލް (ވަށް) ސިޑިއެއް ވެސް ހުންނާނެ އެވެ.
މި ރެޒިޑެންސްގެ މަތީ ބުރީގައި ހުންނަނީ ޓްވިން ސައިޒް ބެޑްރޫމަކާއި ފާހަނާއަކާއި ކިންގް ސައިޒް ބެޑްރޫމަކާއި ކަނޑު ފެންނާނެ ފަދަ ގޮތަކަށް ބަހައްޓާފައިވާ ބާތު ޓަބެއް ހިމެނޭ ފާހަނާއަކާއި ޕައުޑާ ރޫމެއްގެ އިތުރުން ޖިމަކާއި ބަޓްލާ ކުއާޓަރަކާއި ޕްރައިވެޓް ސެކިއުރިޓީންގެ ކުއާޓަރަކާއި ލިވިންގް ރޫމަކާއި ބަދިގެއަކާއި ބާއެއްގެ އިތުރުން ކާގެއެއް އެކުގައި ހިމެނޭ ސަރަހައްދެކެވެ. އަދި ކިންގް ސައިޒުގެ އެނދެކެވެ.
މީގެ އިތުރުން މި ރެޒިޑެންސްގައި އިންފިނިޓީ ސްވިމިންގް ޕޫލެއްވެސް ހިމެނެ އެވެ. ޖުމްލަ ނުވަ މީހުންގެ ޖާގަ އޮންނަ މި ރެޒިޑެންސް ވެސް ހުންނަނީ "އިތާ" ރެސްޓޯރަންޓް ވެސް ހުންނަ ފަދައިން، ކާވްޑް އެކްރިލިކް ޑޯމްއެއްގެ ބައްޓަމަށެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލީގައި އަޅާ "މުރަކަ" ރެޒިޑެންސް ހުންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ ކޮންރެޑް
ރަންގަލިފިނޮޅު ކުއްޔަށް ހިފާފައިވާ ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަދި މުރަކަ އާކިޓެކްޓްގެ ޗީފް އާކިޓެކްޓް އަދި ޑިޒައިނަރު އަހްމަދު ސަލީމް ވިދާޅުވީ މި ރެޒިޑެންސް އެޅުމުގެ ބޭނުމަކީ ރާއްޖެ އަންނަ މެހެމާނުން، ތަފާތު ނަޒަރަކުން ރާއްޖެ ބަލައިލުމުގެ ފުރުސަތު ދިނުން ކަމަށެވެ.
މި ރެޒިޑެންސްގެ ލީޑު އިންޖިނިއަރަކީ ނިއުޒިލެންޑްގެ އެކުއޭރިއަމް ޓެކްނޮލޮޖީ މަސައްކަތްތައް ކުރާ އެމްޖޭ މާފީގެ އިންޖިނިއަރު މައިކް މާފީއެވެ.
ކޮންރެޑް މޯލްޑިވްސަ ރަންގަލީގެ ޖެނެރަލް މެނޭޖަރު ސްޓެފާނޯ ރޫޒާ ވިދާޅުވީ ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ރެޒިޑެންސް ގާއިމުކޮށް، އެ ރިސޯޓުން ދަނީ ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ އިތުރުން ސަގާފީ އަދި ގުދުރަތީ އަޖައިބެއްގެ ގޮތުގައި މުޅި ދުނިޔެއަށް ދައްކައިދެމުން ކަމަށެވެ.