ރާއްޖޭގެ މިއުޒިކީ ދާއިރާއިން ފާހަގަކޮށްލެވޭ އެންމެ ކުޅަދަނާ ފަންނާނުންނާއެކު "ދިރާގު އީދު ޝޯވ" މިރޭ ރާޅުގަނޑު ސަރަހައްދުގައި އޮންނާނެ ކަމަށާއި މިއީ އީދު ދުވަހަކާ ދިމާކޮށް ބާއްވާ އެންމެ ކުލަގަދަ އެއް ޝޯވ އަށް ވެގެންދާނެ ކަމަށް ދިރާގުން ބުނެފި އެވެ.

މިރޭ 10:00 ގައި ރާޅުގަނޑު ސަރަހައްދުގައި ފަށާ ދިރާގު އީދު ޝޯވ ގައި ފަސީ ލައިވް އާއި އުނޫޝާ އާއި އީސަ، ވަން ނައިޓް ސްޓޭންޑް އަދި ހަރުބީގެ ހުށަހެޅުންތައް، އެއް ސްޓޭޖަކުން ފެނިގެންދާނެ އެވެ. ވަނުން އޮތީ މުޅިން ހިލެ އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ، މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ މުޅިން ތަފާތު ފަންނާނުންތަކެއްގެ، ތަފާތު ހުށަހެޅުންތަކެއް އެއް ސްޓޭޖަކުން ފެނިގެންދާ މި ޝޯވ އަކީ ދިރާގުން ރައްޔިތުންނަށް ދޭ "އީދު ހަދިޔާ" އެއް ކަމަށެވެ.

"މިއުޒިކް ދާއިރާގައި އުޅޭ ތަފާތު ހަ ވައްތަރެއްގެ ފަންނާނުން މިރޭގެ ޝޯވގައި ފެންނާނެ. މުޅިން ހިލޭ މި އޮންނަނީ ވަނުން ވެސް. އާއްމުން އެއްތަނަކަށް އައިސް އުފާކޮށް، މާޖާކޮށްލަން ފުރުސަތު ހޯދައި ދިނުން ޝޯވގެ ބޭނުމަކީ،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ވަނީ އިތުރު އީދު ހަދިޔާތަކެއް ވެސް ދިރާގުގެ ކަސްޓަމަރުންނަށް ދީފަ އެވެ.

އެގޮތުން ދިރާގު ޕްރީ ޕެއިޑް ކަސްޓަމަރުން 50ރ. އަށް ވުރެ މަތިން ރީލޯޑް ކުރައްވާ ކޮންމެ ފަހަރަކު 25 ޕަސަންޓް ކްރެޑިޓް މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

"އީދު ދުވަހުގެ ތަހުނިޔާ އާއިލާގެ މީހުންނާއި ރަހުމަތްތެރިންނަށް ފޮނުވަން ބޭނުންވާނެތީ އެކަމަށް އެހީވުމުގެ ގޮތުން އަޅުގަނޑުމެން 50ރ. އަށް ވުރެ މަތިން ރީލޯޑް ކުރައްވާ ކޮންމެ ފަހަރަކު 25 ޕަސަންޓް ކްރެޑިޓް މުޅިން ހިލޭ ދެނީ،" އިމްޖާދު ވިދާޅުވި އެވެ.

އަދި ދިރާގުގެ ޕްރީ ޕެއިޑް ޓަޗްނެޓް ރީޗާޖް ކުރާ ކޮންމެ ފަހަރަކު 80 ޕަސަންޓް އިތުރަށް އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ދޭން ދިރާގުން ވަނީ ނިންމައިފަ އެވެ. އެގޮތުން ކޮންމެ 100ރ.ގެ ރީޗާޖް އަކަށް 600އެމްބީ، 200ރ.ގެ ރީޗާޖަކަށް 2.5ޖީބީ އަދި 500ރ.ގެ ރީޗާޖަކަށް 9ޖީބީ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ތިރީސް ދުވަހުގެ ވެލިޑިޓީ އާއެކު ޓަޗްނެޓް ޕްރޮމޯޝަން ކުރިއަށްދާނީ ސެޕްޓެމްބަރު 8ގެ ނިޔަލަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ، ތިން ލައްކަ އަށް ވުރެ ގިނަ ކަސްޓަމަރުން އެބަ ތިއްބެވެ. އެކި މުނާސަބުތަކާ ގުޅުވައިގެން ދިރާގުން ގިނަ ޕްރޮމޯޝަންތަކެއް ހިންގަ އެވެ.