30 Aug 2011, 12:33
ފަރީދީމަގުގެ ގެއެއްގައި ދިރިއުޅޭ ބަންގުލަދޭޝްގެ ބަޔަކަށް ބިރުދައްކައި ފައިސާ ފޭރެމުންދަނިކޮށް އަތުލައިގަތް ދެ ސިފައިންގެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނުގައި ބުނަނީ، ރޭ އިރާކޮޅު ފަރީދީމަގުގައި ހުންނަ ގެއަކަށްވަދެ ގަދަކަމުން އެގޭގައި ތިބި ބަޔަކަށް ބިރުދައްކައި ގަދަކަމުން އެމީހުންގެ އަތުގައި ހުރި ފައިސާތަކެއް އަތުލަން އުޅެނިކޮށް ފެނިގެން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ސިފައިންގެ މީހުންނަކީ ޅ. ހިންނަވަރު، އާރާމުގެ، ލާންސް ކޯޕްރަލް އަލީ އިބްރާހީމް،26، އާއި ލ.މުންޑޫ، ފިނިފެންމާގެ، ޕްރައިވެޓް ހުސައިން މާހިރު،23، ކަމަށެވެ.
އޭގެ ތެރެއިން ކޯސްޓްގާޑުގެ އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުންދާ އަލީ އިބްރާހީމް ސިފައިންގެ ހިދުމަތާ ގުޅިފައި ވަނީ ނޮވެމްބަރު 2، 2004 ގަ އެވެ. ކޯސްޓްގާޑު ބިލްޑިން ސެކިއުރިޓީގައި މަސައްކަތްކުރާ ހުސައިން މާހިރު ސިފައިންގެއާ ގުޅުނީ ޖޫން 17، 2008ގަ އެވެ.
"މި ދެ މީހުން ހިންގާފައިވާ މި ހަރަކާތުގެ ސަބަބުން ގާނޫނީ ގޮތުން މިކަމުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޕޮލިހާ ގުޅިގެން މިދަނީ މަސައްކަތްކުރަމުންނެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޭގައި އުޅޭ ބައެއް ބަންގާޅު މީހުން ބުނި ގޮތުގައި، މި ރޯދަ މަސް ފެށުނު ފަހުން ސިފައިންގެ ތިން މީހުން އެކި ފަހަރު މަތިން އެގެއަށް ވަދެ 30000ރ. އަށް ވުރެ ގިނައިން ވަނީ ފޭރިފަ އެވެ.
ރޭ ބިދޭސީން އުޅޭ ގެއަށް ވަނީ އެ ތިން މީހުން ކަމަށާއި ނަމަވެސް، އެކަކު ވަނީ އެ ސަރަހައްދުން ފިލައިފަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. އޭނާ ހުރީ ކުލަ ހެދުމުގައި ކަމަށްވެ އެވެ.