19:00


އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެޕާޓީގެ އާއްމު ޖަލްސާއެއްގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަސްލަމް ޝާކިރު ހައިކޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކީ އަހްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ބުނެ ހައިކޯޓުން އެކަން ކުށްވެރިކޮށްފި އެވެ.


މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންނަށް ލޯނު ދޭން ހުރި ފައިސާ ވަގުންގެ އަތުގައި ބަހައްޓައިގެން ހައި ކޯޓުން ރައްޔިތުން ނިކަމެތިކޮށްފައިވާ ކަމަށް އަސްލަމް ޝާކިރު ވިދާޅުވެފައިވާ ކަމަށް ދުވަހު ނޫހެއްގައިވެ އެވެ.


އަސްލަމް ޝާކިރުގެ އެވާހަކަތައް ކުށްވެރިކޮށް ހައިކޯޓުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އަސްލަމް ޝާކިރު ދައްކަވާފައި ވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ކަމަށާއި އެއީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށެވެ. އަދި ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށާއި ކޯޓުތަކުގެ ހައިބަތާއި ކަރާމާތް ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ ޖިނާއީ ކުށެއް ކަމަށް ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.


އެ އިއުލާންގައި އަދި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ދެކޮޅަށް ފާޅުގައި އެފަދަ ޖަރީމާއެއް ހިންގުމުގެ ފުރުސަތު މި ލޮބުވެތި ފަސްގަނޑުގައި އެއްވެސް ފަރާތަކުން ލިބިގަނެ އެއްވެސް ފަރާތަކުން ހިތްވަރުދީ ހެދުމަކީ އެކަމާ މެދު ދިވެހިރާއްޖޭގެ ހައި ކޯޓާއި ރައްޔިތުންގެ މެދުގައި އަދުލް އިންސާފު ގާއިމް ކުރުމުގެ މުގައްދަސް މަސްއޫލިއްޔަތާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އިންތިހާ ދަރަޖައަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ކަނޑައެޅިގެން ގަސްދުގައި ވާހަކަ ދެއްކުމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި މިނިވަން މުއައްސަސާތަކަށް ނުރައްކާކޮށްފާނެ ޖަރީމާއެއް ކަމަށްވެސް އެ އިޢުލާންގައި ބުނެފައިވެ އެވެ.


ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށްދީ ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ އެތަންތަނަކީ އެންމެހައި ފަރާތްތަކުގެ، އަދި ހުރިހާ ބާވަތެއްގެ ނުފޫޒުން އެއްކިބާވެފައިވާ ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ދައުލަތުގެ އެންމެހާ އިދާރާތަކަށާއި ދައުލަތުގެ ކަންތައްތައް ހިންގުމަށް ހަވާލުވެ ތިބި އެންމެހާ ފަރާތްތަކަށް ހައި ކޯޓުން ވަނީ ގޮވާލައިފަ އެވެ.