'ރަން އިން މޯލްޑިވްސް'ގެ ނަމުގައި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން މެގަޒިންއެއް ނެރެފިއެވެ.

ސޯލްޓް ކެފޭގައި މިރޭ ބޭއްވި ކޮކާކޯލާ ލޯންގް ރަން 2018ގެ ޕްރީ ރަން އިވެންޓުގައި ފިޓްނަސް އަދި ދުވުމަށް ހާއްސަކޮށްގެން ރާއްޖެއިން ނެރޭ ފުރަތަމަ މެގަޒިން ތައާރަފްކޮށްދެއްވީ ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާންއާއި ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީއެވެ.

ޓީއެފްޖީން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރަން އިން މޯލްޑިވްސްގެ ހަތަރު އަދަދު ނެރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިރޭ ނެރެފައިވަނީ މިއަހަރުގެ ފުރަތަމަ އަދަދެވެ. އެ ހަތަރު އަދަދުގެ ތެރޭގައި ޓީއެފްޖީން ބާއްވާ ރަން އިން ލާމު އަދި ރަން އިން އައްޑޫއަށް ވެސް ހާއްސަ އަދަދެއް ހިމެނެއެވެ.

ޓީއެފްޖީގެ ސީއީއޯ ޒިނާން ވިދާޅުވީ 2013 ވަނަ އަހަރު ފުރަތަމަ ބޭއްވި ލޯންގް ރަންގައި ބޭނުންކުރެވުނީ މައުލޫމާތު ޝީޓެއް ކަމަށާއި އޭގައި ދުވުމުގެ މައުލޫމާތު ހިމެނުނު ކަމަށެވެ. އަދި އެއަށްފަހު ހަތަރު ގަނޑުގެ ބުކްލެޓެއް ނެރެ މިހާރު މެގަޒިންއަކަށް ބަދަލުކޮށްލީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި މެގަޒިންގައި އަޅުގަނޑުމެން ފީޗަރ ކުރަނީ ކުރިއަށްހުރި ރޭސްތަކާއި ވަރަށް ގިނަ ރޭސްތައް ދުވެފަތިބި އެކި މީހުންގެ ތަޖުރިބާތައް އަދި މާކެޓުގައި ހިނގާ އެހެނިހެން ރޭސްތަކާ ބެހޭ މައުލޫމާތުތައް. މިގޮތަށް ޖުމްލަކޮށް ރާއްޖޭގައި ހިނގާ ދުވުމުގެ ހުރިހާ ހަރަކާތްތައް އެއް ފޮތަކަށް ލެވޭނެ ގޮތެއް އަޅުގަނޑުމެން ރާވައިގެން ފެށި މެގަޒިންއެއް،" ޒިނާން ވިދާޅުވިއެވެ.

މިރޭގެ އިވެންޓުގައި ޓީއެފްޖީން ވަނީ އެ ގްރޫޕުގެ ސްޕޮންސަރުންނަށް މެގަޒިންގެ ފުރަތަމަ އަދަދު ހަދިޔާކޮށްފައެވެ. އަދި ކޮކާކޯލާ ލޯންގް ރަންގެ ކުރިން މިއުޒިކް ފެސްޓިވަލެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވާ އެކްސްޕޯގެ ބައިވެރިންނަށް ވެސް މެގަޒިންއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު ޓީއެފްޖީން ބާއްވާ ކޮކާކޯލާ ލޯންގް ރަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ މެންދަމު ހުޅުމާލޭގައެވެ. މިއަހަރު 1550 ބައިވެރިންނާއެކު ބާއްވާ އެ ދުވުމުގައި މެރަތަން، ހާފް މެރަތަން، ދިހަ ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ދުވުން ކުރިއަށްދާނެއެވެ.