17 Apr 2018, 23:36
ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ ގައުމީ ވަންތަ ބައެއް ކަންތައްތައް އެކަހެރި ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ދެކޭ ބަޔަކު އުޅޭކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ ގައުމީ ވަންތަ ބައެއް ކަންތައް އެކަހެރި ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ދެކި އެ ވާހަކަ މި ފަސްގަނޑުގައި ދައްކާ ބަޔަކު އުޅޭ ކަމަށެވެ.
ނިހާން ވިދާޅުވީ، ރާއްޖޭގެ ގައުމީ ދިދައަށް ވަކި އުސޫލުތަކެއް ކަނޑައެޅިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ދިދައަށް ސީދާ ޖެއްސުން ކުރުމަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ދިވެހި ފުލުހުން ގަސް ގަހަށާއި ރުއް ރުކަށް އަރައި ބައެއް ކަހަލަ ދިދަ ތިރިކުރަން ޖެހޭކަމަށެވެ.
ހިމާޔަތްކޮށް ދިފާއުކުރަން ޖެހޭ ކަންތަކުގެ ތެރޭގައި ދިވެހި ދިދަ ހިމެނޭއިރު، ސިޔާސީ ގޮތުން އަންނަ ވިސްނުމެއްގެ ސަބަބުން އެހެން ދިދަތައް ދިވެހި ދިދައަށްވުރެ މައްޗަށް ނަގާލުމުގެ ވިންދު ޖެހޭހާއިރަކު އަހަރުގެ ކޮންމެ ދުވަހަކު ޝަހީދުންގެ ދުވަސް ފާހަގަކުރި ނަމަވެސް އެކަމުގެ ބޭނުން ހާސިލް ނުވާނެކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވި، އަލިރަސްގެފާނަކަސް، އަނދިރިއަނދިރީންނަކަސް ތިމަންނާމެންނަށް ހެވޭ ބުނާމީހުންވެސް މި މުޖުތަމައުގައި އުޅޭ ކަމަށެވެ. ނަމަވެސް ދިވެހިންނަށް އަނދިރިއެއް ބޭނުމެއް ނުވާކަމަށާއި ދިވެހިން ބޭނުންވަނީ އަލިކަން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ގައުމުގެ ޝިއާރުތައް ކަމަށްވާ ނިޝާނާއި، ގައުމީ ދިދައާއި، ގައުމީ ފަހުރުވެރި ކުލަތަށް ޝަރަފުވެރިކަމާއެކު ބަލައިގަންނަ ކަންތަކުގެ ތެރޭގައި ހެދުމަށް ނިހާން ގޮވައިލެއްވިއެވެ.