17 Apr 2018, 23:12
ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާ އެކު، އެ އަމުރު ނެރުމުގައި ބައިވެރިވި މީހުން ރާވާފައި އޮތީ ރައީސް އަބްދުﷲ ޔާމީން ހަވަރަށް ދިނުމަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ "އެކެއް ފެބްރުއަރީ ރާވާފައި އޮތީ ހަތެއް ފެބްރުއަރީ މައިދިރި އަކަށް ނަގައިގެން" ކަމަށެވެ.
"އެދުވަހުވެސް ރާވާފައި އޮތީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދައިގެން މި ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް، ގާނޫނީ ހުކުމްތައް ކޮށްފައި ތިބި ކުށްވެރިން ދޫކޮށްލައިގެން މާލެ ތެރެ ހަލަބޮލިކޮށް ގޭންގްތައް ހަރަކާތްތެރި ކުރުވައިގެން އަޅުގަނޑުމެންގެ މުޅި މާލެ ތެރެ ގަޑުބަޑު ކުރުމަށް ފަހުގައި ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއިން ރައީސުލްޖުމުހުރިއްޔާ ހައްޔަރު ކުރުމާއި ވަޒީރުން ހައްޔަރު ކުރުމާއި ދެންވެސް ހައްޔަރުކުރަން ޖެހޭ ފަރާތަތައް ހައްޔަރު ކުރުމަށް ފަހުގައި ރައީސް ޔާމީން ހަވަރަށް ދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސާބިތު އެއްވެސް ކަމެއް ނެތި ރައީސް ޔާމީނަށާއި ގައުމުގެ ރައްޔިތުންނަށް އެދުވަހު ކުރިމަތި ކުރީ މިވަގުތު ކުރިމަތި ކުރަންޖެހޭ ހާލަތެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެހުރިހާ ކަމެެއްގެ ތެރެއިން ޔަގީންވި ކަމަކީ އަބަދުވެސް ނަސްރު ލިބޭނީ ހައްގަށް ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަންކަން ސަލާމަތްވީ ރައީސް ޔާމީންގެ ހިކުމަތު އަމަލީގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބަޣާވާތް ކާމިޔާބުވި ނަމަ ރާއްޖޭގައި ބޭރުގެ އަސްކަރީ ބޭހެއް ހުރުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ބަޣާވާތް ނާކާމިޔާބުކޮށްލަން ރައީސް ޔާމީން ކުރެއްވީ ފަހުރުވެރިވާން ޖެހޭ ޖިހާދެއް ކަމަށެވެ. އެ ބަޣާވަތުގެ ބައިވެރިންނަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.