17 Apr 2018, 23:30
އެސްޓީއޯއިން ސްޓެލްކޯއަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދިނުމަށްޓަކައި ޕައިޕްލައިން އެޅުމަށް، ޕްރޮޖެކްޓް ޑިޒައިންކޮށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، އަޅަން ނިންމާފައިވާ ޕައިޕްލައިނަކީ، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސްޓެލްކޯ އިންޖީނުގެއަށް 1.2 ކިލޯ މީޓަރުގެ ހޮޅިއެއް ކަމަށެވެ. އަދި ތެޔޮ ހޮޅި އަޅަން ޕްރޮޖެކްޓް ޑިޒައިންކުރުމާއި ޓެކްނިކަލް ކޮންސަލްޓެންސީ އަދި ޕްރޮޖެކްޓް ހިންގައިދޭނެ ބަޔަކު ބޭނުންވާ ކަމަށް އެސްޓީއޯއިން ކުރި އިއުލާނުގައި ވެއެވެ.
އެ ޕްރޮޖެކްޓަށް ބިޑްކުރާ ފަރާތްތަކަށް މާކްސް ދޭން ހަމަޖެހިފައިވާ ގޮތަކީ، އަގަށް 60 ޕަސެންޓާއި، ޑިޒައިން ކުރުމަށް ހޭދަވާނެ މުއްދަތަށް 20 ޕަސެންޓާއި ތަޖުރިބާއަށް 20 ޕަސެންޓް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ސްޓެލްކޯއަށް މަހަކު 10 މިލިއަން ލީޓަރުގެ ތެޔޮ ސަޕްލައި ކުރާކަމަށް އެސްޓިއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.