17 Apr 2018, 19:27
ގއ. ވިލިނގިލީ ކައުންސިލްގެ ހުރިހާ މެމްބަރުންް ސަސްޕެންޑުކޮށްފިއެވެ.
ލޯކަލް ގަވާމެންޓް އޮތޯތިޓީ (އެލްޖީއޭ) އިން ސަސްޕެންޑުކޮށްފައި ވަނީ އެ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ އާއި ނައިބު ރައީސް މަޒީދު އަބްދުﷲ އާއި ކައުންސިލަރު ހަބީބު ހަސަން އާއި ކައުންސިލަރު މުހައްމަދު އިގުބާލް ފިކުރީ އާއި ކައުންސިލަރު ލުގުމާން ނައީމެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީން މިއަދު ވިލިނގިލީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ، ފަސް ކައުންސިލަރުން ސަސްޕެންޑް ކުރީ، ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން ނޫސްބަޔާނެއް ނެރުމުގެ ސަބަބުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ވިލިނގިލީ ކައުންސިލްގެ ފަސް ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އޭނާއަށް އަނިޔާކުރުން ހުއްޓާލުމަށް ގޮވާލައި ބަޔާނެއް ނެރެފައިވާތީއެވެ.
މާދަމާއިން ފެށިގެން އެއް މަސްދުވަހަށް ފަސް ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ، އެެއްމަސްދުވަހުގެ މުސާރަ ނުލިބޭ ގޮތަށެވެ.
އެލްޖީއޭއިން ވިލިނގިލީ ކައުންސިލަށް ފޮނުވި ސިޓީގައި އަންގާފައި ވަނީ، ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން މެނުވީ، ސަސްޕެންޑްކުރި ފަސް ކައުންސިލަރުން ކައުންސިލަށް ހާޒިރުނުވުމަށާއި، ކައުންސިލްގެ ލިޔެކިއުންތަކާއި ވަސީލަތްތައް ވެސް ބޭނުން ނުކުރުމަށެވެ.
މާދަމާއިން ފެށިގެން ގއ. ވިލިނގިލީ ކައުންސިލް ހިންގުމާ ހަވާލުވެ ހުންނަވާނީ އެ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ޝަޒުމާ މުހައްމަދު ކަމަށްވެސް އެލްޖީއޭއިން އަންގާފައިވެއެވެ.