އަލްޖަޒާއިރު (އޮގަސްޓް 29) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ އަނބިކަނބަލުން ނާއި ތިން ދަރިކަލަކާއި އެމީހުންގެ ޢާއިލާތައް އަލްޖަޒާއިރަށް ފިއްލަވައިފިކަން އަލްޖަޒާއިރުގެ ސަރުކާރުން ކަށަވަރު ކޮށްދީފި އެވެ.

އަލްޖަޒާއިރުގެ ޚާރިޖިއްޔާ އިން އިއްޔެ ބުނި ގޮތުގައި ގައްޒާފީގެ އަނބިކަނބަލުން ސަފިއްޔާ އާއި އޭނާގެ ދަރިންގެ ތެރެއިން ތިން ދަރިކަލުން ކަމަށްވާ މުޙައްމަދު ގައްޒާފީ އާއި ހާނީބާލް ގައްޒާފީ އާއި ޢާއިޝާ ޤައްޒާފީ އާއި އެބޭފުޅުންގެ ޢާއިލާތައް ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އަލްޖަޒާއިރަށް ވަޑައިގެން ޙިމާޔަތް ހޯއްދަވާފަ އެވެ.

އަލްޖަޒާއިރުގެ ޚާރިޖިއްޔާ އިން މިކަން ހާމަކުރުމުން ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ އިސްވެރިއެއް ކަމަށްވާ މަޙްމޫދް ޝައްމާމް އަލްޖަޒާއިރުގެ މިޢަމަލަކީ ޢުދުވާނީ ޢަމަލެއް ކަމަށް ސިފަކުރައްވައި ގައްޒާފީގެ ދަރިންގެ ތެރެއިން ޝަރީޢަތަށް ބޭނުންވާ ދަރިން ލީބިޔާއާ ޙަވާލުކުރުމަށް އަލްޖަޒާއިރުގެ ސަރުކާރަށް ގޮވާލައްވާފައި ވަނިކޮށެވެ، (އަލްޖަޒީރާ)