އަޅުގަނޑެމެންނަށް އެންމެ ކުރިއްސުރެ ލިބިފައިވާ ކާމިޔާބަކާ ކުރިއެރުމެއްގެ ހުރިހާ އަސްލަކީ އިސްލާމްދީން ކަމަށް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

އިންޓަ ސްކޫލު ޤުުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމުދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާޒީގެ ކޮންމެ ހާދިސާއެއްގައި ވެސް ދިވެހިން އިސްކޮށްފައި ވަނީ އިސްލާމްދީން ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޮޅުން އައި ކޮންމެ ދަނޑިވަޅެއްގައި ދިމާވި ބިރުވެރި ކޮންމެ ހާދިސާއެއްގައި ދިވެހިރައްޔިތުން އަދި އޭރެއްގެ ކޮންމެ ސަރުކާރަކުން އެންމެ އިސްކުރި ކަމަކީ އިސްލާމްދީން. އިސްލާމްދީން އަޅުގަނޑުމެންނަށް ދައްކަވާފައިވާ މަގުގައި ހިތްވަރުހޯދުމާއި ހިތްވަރުލިބިގަތުމުގައި ދުއާ ކުރުމާއި އަޅުކަންކުރުމުގައި ދީނީ ގޮތުން ޝާމިލުވެ އުޅުނުކަން. މިހަގީގަތާ އަޅުގަނޑުމެން ދެކޮޅު ވެވޭކަށް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން އޮންނަތާ 800 އަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރޭގައި ކީރިތި ގުރުއާން މިއަށް ވުރެ ބޮޑަށް ބިންވަޅުނެގިފައި އޮތް ޒަމާނެއް ތާރީހެއް ފެންނަން ނެތް ކަން އުފަލާ އެކު ފާހަގަކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގުރުއާން މުބާރާތްތަކުގައި އެތަކެއް ކުދިންނެއް ވާދަކޮށް ނިކުތުމަކީ ގުރުއާނަށް އޭގެ ލޯބި ޖެހި އިސްލާމްދީނުގެ ޝިއާރު ފާޅުކުރާނެ އެތަކެއް ދަރިވަރުން އެފެދުން ކަމަށެވެ.

"ކޮންމެ ސްކޫލަކުން ފުރޭނިގެން ކުދިން މިމުބާރާތަށް މިއަންނަނީ. އެތައް ކުދިންތަކަކާ ވާދަކޮށްގެން އަދި މި ހަތަރުސަތެކޭ ދަރިވަރުން ގުރުއާނަށް ލޯބިޖެހި ރީތިކޮށް ކިޔަވާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުވެގެން އައުމުން އެ އުފަންކުރެވެނީ ހަމައެކަނި ރީތިކޮށް ގުރުއާން ކިޔަވާބައެއް ނޫން. އެއީ މުޖުތަމައުގައި އިސްލާމްދީނަށް ލޯބިކުރާ އިސްލާމީ ވަހުދަތު އާލާކުރާ އިސްލާމްދީން ކުރިއަރުވައި، އެ ޝިއާރު ފާޅުކުރާނެ ދަރިވަރުންތަކެއް މި އުފެދެނީ." ނާޒިމް ވިދާޅުވި އެވެ.