17 Apr 2018, 14:05
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ސްކޫލު ކުދިންގެ ގުރުއާން މުބާރާތުގެ މިއަހަރުގެ އެއްވަނަ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް ލިބިއްޖެއެވެ.
މިއީ އެޑިއުކޭޝަން މިނިސްޓްރީއާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެން އެ މުބާރާތް ބޭއްވި ދެވަނަ އަހަރެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ އެއްވަނަ ލިބުނު އަރަބިއްޔާ ސްކޫލަށް އެވޯޑް ހަވާލުކޮށްދެއްވީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މުޅި މުބާރާތުގެ އެއްވަނަ ސްކޫލަކަށް އަރަބިއްޔާ ސްކޫލް ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ތިން ސްކޫލުގެ އެއްވަނަ ވެސް ލިބުނީ އެ ސްކޫލަށެވެ. މުޅި މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ގދ. ތިނަދޫ އަބޫބަކުރު ސްކޫލެވެ. ތިންވަނަ ލިބުނީ ރ. އަލިފުށި ސްކޫލަށެވެ.
ސްކޫލް ކުދިންގެ ގުރުއާން މުބާރާތުގެ ބައިތައް ބަހާލެވިފައި ވަނީ އަންހެން އަދި ފިރިހެން ދަރިވަރުން ވެސް ހިތުން ކިޔެވުމުގެ ބައިގައި ދެ ފޮތުންނާއި ހަތަރު ފޮތުންނާއި ހަ ފޮތުން ބައިވެރިވެވޭ ގޮތަށެވެ. އަދި ފޮތުން ކިޔެވުމުގެ ބައިގައި ފަސް ފޮތުންނާއި 10 ފޮތުންނާއި 15 ފޮތުން ބައިވެރިވެވޭނެއެވެ. ދެން ހިމެނެނީ ހާފިޒުންގެ ގޮތްޕެކެވެ.
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ:
ގއ. ވިލިނގިލި، ހުވަދުމާގެ، މުހައްމަދު ޝައިހާން އަލީ/ ރެހެންދި ސްކޫލް
- އޭނާ އަކީ މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފީން ހަތަރު ފޮތުން އެއްވަނަ ލިބުނު ދަރިވަރެވެ.
މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ:
މ. ކޮޅުފުށި، ޝެޑޯޒް، މުހައްމަދު ނަބީހް ރާޝިދު/ އަރަބިއްޔާ ސްކޫލް
- އޭނާ އަކީ މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން 15 ފޮތުން އެއްވަނަ ލިބުނު ދަރިވަރެވެ.
މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނަ ލިބުނީ:
މ. ސަމަރުބްލޫގެ، އާމިނަތު ހިޝްމާ އާދަމް/ ހިރިޔާ ސްކޫލް
- އޭނާ އަކީ މުބާރާތުގެ ހާފިޒުންގެ ބައިން ހޮވި އެންމެ މޮޅު ދެ ދަރިވަރުންގެ ތެރެއިން އެއްވަނަ ހާސިލްކުރި ދަރިވަރެވެ.
ތަޖުވީދު ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރުދިނުމާއި ގާރީންނާއި ހާފިޒުން އުފެއްދައި ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭނުންވާ ދަރިވަރުން އުފެއްދުމުގެ މަގްސަދުގައި ފެށި މުބާރާތުގައި މިއަހަރު ތަފާތު 73 ސްކޫލަކުން 443 ދަރިވަރުން ބައިވެރިވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ 269 އަންހެން ދަރިވަރުންނާއި 174 ފިރިހެން ދަރިވަރުންނެވެ.