17 Apr 2018, 11:14
އިންގްލެންޑް ގައުމީ ޓީމުން ގޯލްކީޕަރު ޖޯ ހާޓަށް ފުރުސަތު ދޭން ނުޖެހޭ ކަމަށް ކުރިން ޗެލްސީއާއި ބްލެކްބާން ރޯވާސް އަދި ސެލްޓިކަށްވެސް ކުޅުނު ކްރިސް ސަޓަން ބުނެފިއެވެ.
ކުޅުންތެރިއެއްގެ ގޮތުގައި މޮޅަށް ކުޅުނު ފޯވަޑް ސަޓަންއަކީ މިހާރު ބީޓީ ސްޕޯޓްސް އަދި ބީބީސީގެ ފުޓުބޯޅަ އެނަލިސްޓެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޮކް ސިޓީއާއި ވެސްޓްހަމް ޔުނައިޓެޑް ވާދަކުރި މެޗު އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ސްޓޯކްއިން ޖެހި ގޯލަކީ ވެސްޓްހަމްގެ ކީޕަރު ހާޓު ހެދި ގޯހަކުން ޕީޓާ ކްރޮޗް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގައި ހާޓްގެ ފަރާތުން ފެނުނު ގޯހާ ގުޅިގެން ވާހަކަ ދައްކަމުން ސަޓަން ބުނީ ސަޕޯޓަރުން ހާޓަށް ކުރަމުންއައި އިތުބާރު ގެއްލިއްޖެ ކަމަށާއި، މި ސީޒަންގައި ހާޓްގެ ފަރާތުން ފެނުނު ގޯސްތަކާއެކު އިންގްލެންޑް ގައުމީ ޓީމުން އޭނާއަށް ޖާގަ ދޭން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ވޯލްޑް ކަޕަށް ކުޅުންތެރިއަކު ނުގެންދެވޭނެ ހަމައެކަނި ޑްރެސިން ރޫމްގައި ރަނގަޅު، ޑިސިޕްލިން ހުރި މީހެކޭ ކިޔައިފައެއް. އިންގެލެންޑްގެ ދެ ކީޕަރަށް އަނިޔާ ވެއްޖެއްޔާ ތިންވަނަ ކީޕަރުވެސް ބޭނުންވާނެ. ހާޓަށްވުރެ މޮޅު ތިން ކީޕަރުން މިހާރުވެސް އެބަތިބި،" ސަޓަން ބުންޏެވެ.
ސަޓަން ބުނީ ޖޭކް ބަޓްލޭންޑާއި ޖޯޑަން ޕިކްފޯޑް އަދި ނިކް ޕޯޕަކީވެސް މިހާރު ހާޓަށްވުރެ މޮޅު ތިން ކީޕަރުން ކަމަށާއި އިންގްލެންޑް ކޯޗު ސައުތު ގޭޓަށް ނިންމުން ނިންމަން އުނދަގޫ ވެގެން ނުވާނެ ކަމަށެވެ.
ސަޓަން ބުނީ ޗެލްސީއާ ދެކޮޅަށް ވެސްޓްހަމްއިން ކުޅުނު މެޗުގައި ހާޓް ކިތައްމެ މޮޅު ނަމަވެސް، ރޭގެ މެޗުގައި ހާޓްގެ ފަރާތުން ފެނުނު ގޯހަކީ އޭނާ ލެވެލްގައި ގަބޫލުކުރެވޭނެ ގޯހެއް ނޫން ކަމަށެވެ.
އުމުރުން 30 އަހަރުގެ ހާޓު ވިދާލީ މެންޗެސްޓާ ސިޓީންނެވެ. ނަމަވެސް ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗު ކަމަށް އައުމާއެކު ހާޓްގެ ބޭނުން ސިޓީއަށް ކެނޑި، އޭނާގެ ކެރިއަރު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން އިންގްލެންޑް ގައުމީ ޓީމަށް ކުޅެމުން އަންނަ ހާޓް ވަނީ ގައުމީ ޓީމަށް 75 މެޗު ކުޅެދީފައެވެ.