ޓްރިޕޮލީ (އޮގަސްޓް 30) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ، ޓްރިޕޮލީން ފިއްލަވައިގެން ޓްރިޕޮލީގެ ދެކުނުގެ ރަށެއްކަމަށްވާ ބަނީވަލީދުގައި އެބަ އުޅުއްވާ ކަމަށް ޤައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ ބައެއް ކޮމާންޑަރުން ބުނެފިއެވެ.

މިފަރާތްތަކާ އަދި ލީބިޔާގެ ޑިޕްލޮމެޓިކް ދާއިރާތަކާ ޙަވާލާދީ އިޓަލީގެ ނޫސްއެޖެންސީ (އިންސާ) ބުނިގޮތުގައި ޤައްޒާފީގެ އަރިހުގައި އޭނާގެ ދެދަރިކަލެއް ކަމަށްވާ އައްސާޢިދީ ޤައްޒާފީ އާއި ސައިފުލްއިސްލާމް ޤައްޒާފީވެސް ބަނީވަލީދުގައި ފިއްލަވައިގެން އެބައުޅުއްވައެވެ. ބަނީ ވަލީދަކީ ޓްރިޕޮލީގެ ދެކުނުން 40 ކިލޯމީޓަރުގެ ދުރުގައިވާ ރަށެކެވެ. ޤައްޒާފީ އެކިފަހަރު އެކިތަނުގައި އުޅުއްވާ ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރުން އެކިފަހަރުމަތިން ވިދާޅުވެފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ޙަޤީޤަތަކަށް ވެފައިނުވާކަން ޚަބަރުތަކުން ހާމަވެފައިވެއެވެ.

އަނެއްކޮޅުން ގައްޒާފީ ޓްރިޕޮލީގައި ހުންނަވައިގެން އޭނާއަށް ވަފާތެރި ސިފައިންގެ ބައެއް ކޮމާންޑަރުންނާ މޯބައިލް ފޯނުން ވާހަކަ ދައްކަވާ އަޑު އިއްޔެގެ ވަގުތެއްގައި ޑިޓެކްޓް ކުރެވިފައިވާ ކަމަށްވެސް ލީބިޔާގެ ބައެއް ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނެފައިވެ އެވެ.

ގައްޒާފީ ބަނީ ވަލީދުގައި އުޅުއްވާ ކަމަށް ލިބިފައިވާ ޚަބަރުތަކާއި އޭނާގެ އަޑު ޑިޓެކްޓް ކުރެވިފައިވާ ކަމަށް ފެތުރިފައިވާ ޚަބަރުތައް ކަށަވަރުކުރަންވަން ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވަނީ ދެކޮޅު ހައްދަވާފައެވެ. (އަލްޖަޒީރާ)