Back
Nov 23, 2025 SUN
SUN

އިންޑިއާގައި ބިމެއް މިލްކު ކުރުމުގެ މައްސަލައެއްގައި 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި

އިންޑިއާގައި ބިމެއް މިލްކު ކުރުމުގެ މައްސަލައެއްގައި 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި
Lead photo

ދިއްލީ (އޭޕްރިލް 17): އިންޑިއާގެ ބިހާރުގައި ބިމެއް މިލްކު ކުރުމާ ބެހޭ ގޮތުން ދެ އާއިލާއެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައިފި އެވެ.

ބިހާރުގެ އިރުމަތީ ޗަމްޕަރަން ޑިސްޓްރިކްޓުގެ އޮފިޝަލުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އެކުއްޖާ ވަގަށް ނަގާފައި ވަނީ އޭނާގެ ދައްތައަކާ އެކު ހުއްޓަ އެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންނަށް އެކުއްޖާ ހޯދޭ ގޮތެއް ނުވި އެވެ.

އޭގެ ފަހުން އެކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާގެ ގެ ކައިރިންނެވެ. އަދި އެކުއްޖާގެ ހަށިގަނޑުން ގިނަ އަދަދެއްގެ ޒަހަމްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި އަވަށުގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޕަންކަޖް ރަވަތު ވިދާޅުވި ގޮތުގައި އެހަމަލާގައި ބައިވެރިވި ކަމަށް ކުއްޖާގެ ދައްތަ ފާހަގަ ކޮށްފައި ވަނީ 11 މީހެކެވެ. އޭގެ ތެރޭގައި ކުއްޖާގެ އާއިލާއާ ދެބަސްވުން އުފެދިފައިވާ އެހެން އާއިލާއެއްގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނެ އެވެ.

އެހެންކަމުން ފުލުހުންނަށް މިވަގުތު ލިބިފައިވާ ހެކިން ބެލެވޭ ގޮތުގައި އެއީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ރަވަތު ވިދާޅުވި އެވެ.

މީގެ އިތުރުން، މަރުވި ކުއްޖާގެ ބައްޕަ އާއި ބޭބެ ވަނީ އަނެއް އާއިލާގެ މީހެއްގެ މަރާ ގުޅިގެން 2015 ވަނަ އަހަރު ޖަލަށް ލާފައި ކަމަށާއި އެ ދެ މީހުން އަދި ވެސް ތިބީ ޖަލުގައި ކަމަށް ރަވަތު ފާހަގަ ކުރެއްވި އެވެ. އެ ދެ އާއިލާގެ މެދުގައި ބިމަކާ ބެހޭ ގޮތުން ދެބަސްވުން އުފެދިފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ.

ފުލުހުން މިހާރު ދަނީ އެހާދިސާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބިހާރުގައި އެ ހާދިސާ ހިނގާފައި ވަނީ އިންޑިއާގައި ކުޑަކުދިން ރޭޕް ކުރުމުގެ ދެ މައްސަލައަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައި އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ ކަޝްމީރުގައި އިންޑިއާ އިން ވެރިކަން ކުރާ ފަޅީގައި އަށް އަހަރު މުސްލިމް ކުއްޖަކު ރޭޕް ކުރި މައްސަލަ އެކެވެ. އަދި ދެވަނަ މައްސަލަ އަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މަަޖިލިސް މެމްބަރަކު 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެކެވެ.

އެދެމައްސަލައާ ގުޅިގެން އިންޑިއާގެ ގިނަ އަދަދެއްގެ މީހުން ވަނީ ރޭޕް ކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި މުޒާހަރާކޮށްފަ އެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެގައުމުގައި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާ އިރު 82 ޕަސެންޓަށް އިތުރުވެފަ އެވެ. (ހިންދުސްތާންޓައިމްސް)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics