17 Apr 2018, 11:09
ކައިވެންޏަށް މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް، ކޮމަންވެލްތުގެ ޔޫތު އެމްބެސެޑަރުގެ މަގާމަށް ޕްރިންސް ހެރީ އައްޔަން ކުރައްވައިފިއެވެ.
އިނގިރޭސި ޝާހީ އާއިލާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕްރިންސް ހެރީ އައްޔަން ކުރެއްވި އާ މަގާމާއެކު، ކޮމަންވެލްތުގެ ގައުމުތަކުގައި އުޅޭ ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެކަންކަމަށް އޭނާ ހިތްވަރު ދެއްވާނެ ކަމަށެވެ.
އާ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ޕްރިންސް ހެރީ އިއްޔެ ވަނީ، ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާކޮށް، އެންމެންނަށް އުޖާލާ މުސްތަގުބަލެއް ގާއިމުކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާކުރުމަށް ލަންޑަނުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ހެޑްސް އޮފް ގަވަރުމަންޓް މީޓިން (ސީއެޗްއޯޖީއެމް)ގެ ހަރަކާތްތަކުގައި ބައިވެރިވާ ޒުވާންނާ ބައްދަލުކުރައްވައިފައެވެ.
"އިނގިރޭސިވިލާތުގައާއި އަދި ދަތުރުތަކުގައި އުޅޭއިރު އަހަރެންގެ ބޭނުމަކަށް ވާނީ ޒުވާނުންގެ އަޑު އެހުން. އަހަރެންގެ މަސްއޫލިއްޔަތަކަށް ވާނީ ޒުވާނުންގެ ހިޔާލާއި ކަންބޮޑުވުންތަކާއި ވިސްނުންތައް އަދި އުންމީދުތައް އަޑުއިވޭކަން ކަށަވަރު ކުރުން. އަދި އަހަރެންގެ އަމާޒަކަށް ވާނީ ތިބޭފުޅުންގެ ލީޑާޝިޕް ކުރިއަރުވަން ބޭނުންވާނެ ރަނގަޅު ޕްލެޓްފޯމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުން،" ބައްދަލުވުމުގައިގައި ޕްރިންސް ހެރީ ވިދާޅުވިއެވެ.
އަލަށް އައްޔަން ކުރެއްވި މަގާމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ކައިވެނި ބައްލަވަން އުޅުއްވާ މޭގަން މާކަލް ވަރަށް ބޮޑަށް ޝައުގުވެރިވާކަން ފާހަގަކުރައްވާ ޕްރިންސް ހެރީ ވިދާޅުވީ، ޒުވާނުންނަށްޓަކައި އޭނާ ކުރާ މަސައްކަތުގައި މާކަލް ވެސް ބައިވެރިވާނެ ކަމަށެވެ.
އެގޮތުން، މިހަފްތާ ފަހުކޮޅުގައި އަންހެނުން ބާރުވެރިކުރުމަށް ބާއްވާ ހަފްލާއެއްގައި ޕްރިންސް ހެރީ އަދި ލޯބިވެރިޔާ މޭގަން މާކަލް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ކޮމަންވެލްތުގެ އެމްބެސެޑަރަކަށް އައްޔަން ކުރެއްވިކަން ހާމަކޮށް، ކެންސިންޓަން ޕެލަސްއިން ނެރުނު ބަޔާނުގައި ބުނީ، ކޮމަންވެލްތުގެ 2.4 މިލިއަން މީހުންގެ ތެރެއިން 60 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ 30 އަހަރުން ދަށުގެ މީހުން ކަމަށެވެ.
އެހެންކަމުން، ޕްރިންސް ހެރީގެ އާ މަސްއޫލިއްޔަތުގެ ތެރޭގައި، އިޖްތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން އަދުގެ ޒުވާން ޖީލަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޕްލެޓްފޯމް ބޭނުންކޮށްގެން އަޑު އުފުލުމަށް ޒުވާނުންނަށް ހިތްވަރު ދެއްވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.