މޮސްކޯ (އޭޕްރިލް 17): ސީރިއާގެ ސަރުކާރުން އެގައުމުގައި ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ސަރަހައްދަށް އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު)ގެ ޓީމަށް މިއަދު ވަދެވޭނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ސީރިއާގެ ދޫމާއަށް މިމަހުގެ ހަތް ވަނަ ދުވަހު ކެމިކަލް ހަމަލާއެއް ދިން ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން އެމައްސަލަ ތަހުގީގު ކުރަން އޯޕީސީޑަބްލިއުގެ ޓީމަކުން ސީރިއާއަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. ނަމަވެސް އެޓީމަށް މީގެ ކުރިން ވަނީ ދޫމާއަށް ވަނުމުގެ ހުއްދަ ނުލިބިފަ އެވެ.

އެހެންކަމުން އެމެރިކާއިން އޯޕީސީޑަބްލިއުއަށް އައްޔަންކޮށްފައި ހުންނަވާ ސަފީރު ވަނީ ފާއިތުވި 11 ދުވަސް ތެރޭގައި ރަޝިއާ އިން އެސަރަހައްދުގައި ހަރަކާތްތެރިވެ، ތަހުގީގަށް މުހިއްމު ހެކި ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވަނީ ދޫމާއިން ފެނިދާނެ ކަމަށް ބެލެވޭ ހެއްކަކަށް އެގައުމުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ދޫމާއަށް ސީރިއާ ސަރުކާރުން ކެމިކަލް ހަމަލާއެއް ދިން ކަމުގެ ހެކި ލިބިފައިވާ ކަމަށް އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން ބުނި ނަމަވެސް، އެއީ "މީޑިއާ ރިޕޯޓުތަކާއި ސޯޝަލް މީޑިއާ" އިން ލިބިފައިވާ ހެކިތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހަމަލާއާ ގުޅިގެން ހޮނިހިރު ދުވަހު އެތިން ގައުމުން ސީރިއާއަށް ދިން މިސައިލް ހަމަލާތައް ލަވްރޮވް ކުށްވެރި ކުރެއްވި އެވެ.

އެމެރިކާ އިން ބުނި ގޮތުގައި ހޮނިހިރު ދުވަހު އެތިން ގައުމުން ވަނީ ސީރިއާއަށް 105 މިސައިލް ފޮނުވާލާފައި އެވެ. އަދި އޭގެ ސަބަބުން އެގައުމުގެ ކެމިކަލް ހަތިޔާރު އުފައްދާ އަދި ރައްކާކުރާ ކާރުހާނާތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފަ އެވެ. ނަމަވެސް ރަޝިއާ އިން ވަނީ ސީރިއާއަށް ފޮނުވާލި 71 މިސައިލެއް، ސީރިއާގެ މިސައިލް އައްޑަނަތަކުގެ އެހީގައި ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.

ސީރިއާގެ ދޫމާއަކީ އިރުމަތީ ޣޫތާގައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ސަރަހައްދެވެ. ނަމަވެސް މިދިޔަ ހަފްތާގައި ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ ދޫމާ ސީރިއާ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަން އިއުލާންކޮށްފަ އެވެ. (ބީބީސީ)