ޓްރިޕޮލީ (އޮގަސްޓް 30) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ފިރިހެން ދަރިކަލެއް ކަމަށްވާ ޚަމީސް އަލްޤައްޒާފީ އަވަހާރަ ކޮށްލެވިއްޖެ ކަމަށް ލީބިޔާގެ ހަނގުރާމަވެރިން ބުނެފި އެވެ.

ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ ކާރނަލް މަހްދީ އަލްޙަރްޖީ ވިދާޅުވި ގޮތުގައި ޚަމީސް އަވަހާރަވީ ޓްރިޕޮލީ އާއި ބަނީވަލީދާ ދެމެދުގައިވާ ހައިވޭގެ ކައިރީގައި ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގެންނެވެ. ޚަމީސްގެ ހަށިގަނޑު ހައިވޭގެ ކައިރީގައި ވަޅުލާފައިވާ ކަމަށް ވެސް ކާރނަލް މަހްދީ ވިދާޅުވި އެވެ.

އަނެއްކޮޅުން ޤަތަރުގެ ވެރިރަށް ދަވްޙާއިން ފޮނުވާ ލީބިޔާގެ އަލްއަޙްރާރު ޗެނެލްއިން ބުނި ގޮތުގައި ޚަމީސް އަވަހާރަވީ ޓްރިޕޮލިގެ ކައިރީގައިވާ އެހެން ރަށެއް ކަމަށްވާ ޒްލީތަންގަ އެވެ. އަދި ޚަމީސްގެ ހަށިގަނޑު އެރަށުގައި އިއްޔެ ވަޅުލާފައިވާ ކަމަށް ވެސް އަލްއަޙްރާރު ޗެނެލްއިން ބުނެ އެވެ.

ޢުމުރުން 27 އަހަރުގެ ޚަމީސް އަކީ ލީބިޔާގެ ކުރީގެ ސިފައިންގެ މޭޖަރެއްގެ މަޤާމުގައި ހުންނެވި ޢަސްކަރީ ކޮމާންޑަރެކެވެ. (އަލްޖަޒީރާ)