މިއަދުވެސް އަދި އިއްޔެވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކޮރަޕްޝަންގެ މައްސަލަ ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެރިނުވުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަނަކީ ކޮންމެ ވެރިކަމެއްގައިވެސް ހިނގާ ކަމެއް ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮރަޕްޝަނަކީ އިޖްތިމާއި ބޮޑު މައްސަލައެއް ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮރަޕްޝަން އަޅުގަނޑުމެންގެ ތެރޭގައި ގިނަ ވަމުންދާތީ އެކަމާ އަޅުގަނޑުމެން ވިސްނާ ފިކުރުކުރަންޖެހޭ. ކޮރަޕްޝަންގެ މައްސަލާގައި އެކި ފަރާތްތަކަށް އިނގިލިދިއްކުރަމުންދާއިރު ވިސްނާލަން ޖެހެނީ އެކި ފަރާތްތަކާ ދިމާލަށް އިނގިލިދިއްކުރަމުންދާއިރުވެސް އެކަންކަމުގެ ތެރޭގައި މަދުން ނަމަވެސް އާންމު ފަރުދުން ޝާމިލުވަމުންދާކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާ ތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އަވަސް އަދި އެދެވޭ ހައްލެއް އަންނާނީ އަމިއްލަ ނަފްސު އެކަމުން ދުރުކުރުމުން ކަމަށެވެ.

"މިއަދު ވަރަށް ޒުވާން އަދި އިލްމީ ބޭފުޅުންކޮޅެއް ދަސްވެނިވެގެންދާއިރު އަޅުގަނޑުގެ އިލްތިމާސަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން މަދު ކުރުމަށް ތި އެއްމެހާ ބޭފުޅުންވެސް އަތުކުރި އޮޅާލައިގެން މަސައްކަތްކޮށްދެއްވުން. ތިޔަ ބޭފުޅުންނަކީ ކޮރަޕްޝަނާ ދެކޮޅު، ނަޒާހަތެރިބަޔަކަށް ވެވަޑައިގަތުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ އިޖްތިމާއީ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް އަންނާނީ ތައުލީމީ ޒުވާނުން މަސައްކަތްކޮށްގެން ކަމަށެވެ.