16 Apr 2018, 17:57
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނޯންނާނެކަން ތަކުރާރުކޮށް ދަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އދ. ގެ ގުނަވަނަކުން ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައި ނިންމި ނިންމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ޝައިނީ ވިދާޅުވީ ރައީސް ނަޝީދުގެ ނަން ވޯޓް ކަރުދާހުގައި އޮތުމަށް ރާއްޖޭގެ ގާނޫނު އަސާސީ ތަން ނުދޭ ކަަމަށެވެ.
"ތަކުރާރުކޮށް ދަންނަވާލަން. ކުރީގެ ރައީސް ނަޝީދުގެ ނަން 2018 ގެ ރައީސުލް ޖުމްހުރިއްޔާ ހޮވުމުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ. އޮންނަން ޖެހޭ އެއްވެސް ގޮތެއް ދިވެހި ޖުމުހުރިއްޔާގެ ގާނޫނު އަސާސީ އަދި އޭގެ ދަށުން ހެދިފައިވާ ގާނޫނު ނުވަތަ ގަވައިދުގައި ނެތް،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ މިހެން ވިދާޅުވިއިރު ރައީސް ނަޝީދަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އެމަނިކުފާނު ބޭސްފަރުވާ އަކަށް ފޮނުވުމުން އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން މިހާރު އުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.
ގާނޫނު އަސާސީގެ 109 މާއްދާގެ (ޅ) ގައި ބުނެފައިވަނީ ޖިނާއި ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކަށް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭނީ އެހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރުވުމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމައި އެކަން މިއަދު ވަނީ ސަރުކާރަށް އަންގާފައެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމީ 2013 ވަނަ އަހަރު އަދި 2016 ވަނަ އަހަރު ނަޝީދު އެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެވެ. ނަޝީދު އޭރު މައްސަލަ ހުށަހެޅުއްވީ އިންސާފުން ބޭރުން ޝަރީއަތްކޮށް ހުކުމް ކޮށްފައިވާ ކަމަށާއި ހައްގުތައް ގެއްލި އިންތިހާބުގައި ވާދަ ކުރެވޭނެ މަގު ބަންދުވެފައިވާ ކަމަށް ބުނެ އެވެ.
ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމީ ގިނަ ސަބަބުތަކެއް ދައްކައިފަ އެވެ.
އެ މައްސަލަ ނިންމައި މިއަދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ލިބިދޭން ޖެހޭ މިނިވަން އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުން ރައީސް ނަޝީދު މަހުރޫކޮށްފައިވާކަން ހާމަވާ ކަމަށެވެ.