ސިފައިންގެ ޔުނީފޯމުގައި ތިބި ބަޔަކު ފަރީދީ މަގުގެ ގެއްގައި ގައި ދިރިއުޅޭ ބަންގުލަދޭޝްގެ ބަޔަކަށް ބިރުދައްކައި ފައިސާ ފޭރެމުންދިޔަ ކަމަށް ބުނާ މައްސަލައެއް މިރޭ ފެންމަތިވެ އެގޭ ދޮށަށް މީހުން އެއްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސިފައިންގެ ޔުނިފޯމުގައި މީހަކު ބަންގުލަދޭޝްގެ ބަޔަކަށް ބިރު ދައްކައި ފައިސާ އަތުލަމުންދާ ކަމަށް ބުނެ މިރޭ މައްސަލަ ހުށަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމާ ބެހޭ މައުލޫމާތު ފަހުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭ 12:00 ޖަހާއެހާކަންހާއިރު ޕިންކް ރޯސްއަށް ސިފައިންގެ ޔުނީފޯމްގައި ތިބި ބަޔަކު ވަދެ އެގޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ބިރު ދެއްކި ކަމަށް އެ ސަރަހައްދަށް މިރޭ އެއްވި މީހުންނާއި އޭގޭގައި ތިބި ބިދޭސީން ބުނެ އެވެ.

އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ސިފައިންގެ ޔުނީފޯމްގައި ތިބި ތިން މީހަކު ކަމަށާއި އެ މީހުން ދޭތެރެ ދޭތެއިން އެގެއަށް ވަދެ ބިރު ދެއްކުމަށް ފަހު 10000ރ. ގެ އަދަދުތަކުން ފައިސާ ގެންދާ ކަމަށެވެ. އަދި ބިރު ދެއްކުމަށް ފަހު ފައިސާ ގެންދަނީ އެގޭގައި ފައިސާ ބަހައްޓައިގެން ބިދޭސީންތައް ތާސްކުޅެން ތިއްބާ ވަދެ އެކި ގޮތްގޮތަށް ބިރު ދެއްކުމަށް ފަހު ކަމަށް ވެސް ބުންޏެވެ.

"މިރޭ ވެސް ތިން މީހުން ޔުނީފޯމްގައި ވަދެ ބިރުދައްކާ ފައިސާ ފޭރެން އުޅުނު ކަމަށް ވަނީ. އެވަގުތު އެ ސަރަހައްދުގައި ތިބި ދިވެހިންތަކަކަށް އެކަން އެނގިގެން އެމީހުން ހިފެހެއްޓި ވަގުތު އޭގެ ތެރެއިން އެކަކު ވަނީ ފިލައިގެން ގޮސްފައި އެމީހުން ގާތުގައި އައިޑީ ކާޑާއި ސިފައިންގެ ކާޑު ދައްކަން އެދުމުން ނުއެއްދެއްކި އެހެންވެ މީހުންގަނޑު އެއްވެ އެމީހުން ހިފައިހެއްޓީ. އެދެ މީހުން ގެންދިޔައީ ފުލުހުން އައިސް ފުލުހުންގެ ބެލުމުގެ ދަށުން." ފައިސާ ފޭރުނު ކަމަށް ބުނާ މީހުން ހިފެހެއްޓުމުގައި ހަރަކާތްތެރިވި މީހަކާ ހަވާލާދީ އެ ސަރަހައްދަށް ދިޔަ ސަންގެ ނޫސްވެރިޔަކު ބުންޏެވެ.

އެގޭ ދޮށަށް ގިނަ އަދަދެއްގެ މީހުން އެއްވި ކަމަށާއި ސިފައިންގެ ޔުނީފޯމްގައި ތިބި ދެ މީހަކު އާންމުންނާއި ބިދޭސީން ވެގެން ހިފެހެއްޓި ނަމަވެސް އެއީ ސީދާ ސިފައިންކަން ކަށަވަރު ނުވާ ކަމަށެވެ. ގެއަށް ވަން ތިން މީހުންގެ ތެރެއިން އެކަކު ފިލައިގެން ގޮސްފައިވާއިރު ފުލުހުންގެ ސްޓާފޯސްގެ އެހީގައި ދެމީހުން ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

"އެކަކު ސިފައިންގެ މީހެއް ކަމަށް ވެސް ބައެއް ބުނޭ. އަދި އަނެއް ދެ މީހުންނަކީ ސިފައިންގެ މީހުން ކަމެއް ކަށަވަރު ނުވާ ކަމަށް ވަނީ. ބައެއް މީހުން ބުނޭ އޮޅުވާލައިގެން ސިފައިންނަށް ވެގެން ވަންނަ ބައެކޭ ވެސް، އެމީހުންގެ އަތުގައި އެއްވެސް ކާޑެއް ނެތޭވެސް،" މަންޒަރު ދުށް މީހުން ބުންޏެެވެ.

އެގޭގައި އުޅޭ ބައެއް ބަންގާޅު މީހުން ބުނީ މި ރޯދަ މަސް ފެށުނު ފަހުން އެ ތިން މީހުން އެކި ފަހަރު މަތިން އެގެއަށް ވަދެ 30000ރ. އަށް ވުރެ ގިނައިން ފޭރިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ލެފްޓިނަންޓް އަބްދުﷲ އަލީ ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް ގުޅުމަށެވެ.