19 Apr 2018, 20:36
ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް މާދަމާ ރާއްޖޭގައި ފަށާނެއެވެ. އެ މުބާރާތަކީ ސަރަހައްދީ ލެވެލްގައި ރާއްޖެ ވާދަކުރާ އެންމެ ވާދަވެރި އެއް މުބާރާތެވެ.
މުބާރާތަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް ރާއްޖެއިން ވެ ނިންމައިފައިވާ އިރު، މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްވެސް މިއަދު މާލެ އަންނާނެއެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝްއެވެ.
ޓީމުތަކުގެ މެނޭޖަރުންނާއެކު މުބާރާތުގެ ގުރުއަތުލުން މިރޭ ބޭއްވުމަށްވެސް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.
މީގެ ކުރިން ރާއްޖެ ވަނީ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކޮށް ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ތިން ބްރޯންޒް މެޑަލް ހޯދައިފައެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އިސްމާއީލް، އަންހެން ޓީމު އިވެންޓްގެ ބްރޯންޒް މެޑަލް ހޯދައިފައިވެއެވެ.
އޭގެ ކުރިން 2016 ވަނަ އަހަރު ޕާކިސްތާނުގެ ކަރާޗީގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ދެ ސިލްވާ މެޑަލް ހޯދައިފައިވާ އިރު، މިފަހަރު އަމިއްލަ ގައުމުގައި މުބާރާތް ބޭއްވޭތީ އޭގެ ފައިދާ ނަގަން ޓީމު އޮތީ ތައްޔާރަށެވެ.
"އަމިއްލަ ގައުމުގައި މުބާރާތް ބޭއްވޭތީ ޓީމު އޮތީ ވަރަށް އުންމީދު ބޮޑުކޮށް. ކުރިން އަހަރުތަކުގައިވެސް މެޑަލް ހޯދައިފައިވުމުން ރާއްޖޭގެ ޓީމަށް ހޯމްގައި އުންމީދު ނެގޭނެ،" ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ސަން ސްޕޯޓްސްއަށް ވިދާޅުވިއެވެ.
މިފަހަރު މުބާރާތުގައި ރާއްޖޭގެ 11 ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ ފިރިހެން ހަ ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންނެވެ. ފިރިހެން ޓީމުގެ ކޯޗަކީ ޗަމިންދާ ރޮޑްރިގޯއެވެ. އަންހެން ޓީމުގެ ކޯޗަކީ މުހައްމަދު ޔާސިރެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ ސްކޮޑު:
މުހައްމަދު ޝައްފާން އިސްމާއީލް
- މުހައްމަދު ތާބިން ޝުޖާއު
- އިބްރާހީމް އައުޒަމް އަޒީމް
- އަޚްޔާރް އަހުމަދު ޚާލިދު
- އަހުމަދު ނާއިފް ނަސީރް
- އަޔާން ތޯހާ ރަޝީދު
- އައިޝަތު ރަފާ ނާޒިމް
- ލައިޝާ ފަތުހުﷲ އިސްމާއީލް
- ފާތިމަތު ދީމާ އަލީ
- އައިމިނަތު މަލީޝާ މުއާޒް
- ޒުބާ އަހުމަދު ރިޔާޒު
މިއަހަރުގެ މުބާރާތަށް ނުކުންނަ ޓީމުގައި ހިމެނޭ އެންމެ އުންމީދީ ދެ ކުޅުންތެރިންނަށް ވާނީ އެންމެފަހުން ދެ އަހަރުވެސް ގައުމީ އަންހެން ސިންގަލްސް ޗެމްޕިއަން، އަދި ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުން ދެފަހަރުވެސް މެޑަލް ހޯދި ރަފާ ނާޒިމްގެ އިތުރުން ރާއްޖޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ ދީމާއެވެ. ލަންކާގައި ދިރިއުޅެމުންދާ ދީމާ ވަނީ ލަންކާގެ މުބާރާތްތައްވެސް ކާމިޔާބުކޮށް ހަގު އުމުރެއްގައި ރާއްޖޭގެ ސީނިއާ ޓީމުގައިވެސް ހިމެނިފައެވެ.
މިއަހަރުގެ ޖޫނިއާ މުބާރާތުގައި ޓީމުތައް ވާދަކުރާނީ ތިން އުމުރުފުރައަކުންނެވެ. އެއީ 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކެޓަގަރީންނެވެ.