ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ އެމަނިކުފާނަށް ލިބޭ ވަރަށްބޮޑު އުފަލެއްކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ. އަދި މި ޢީދު އަޅުގަނޑުމެންނަށް ގެނެސްދޭ އެންމެ މަތިވެރި ހަނދާނަކީ، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އެހީތެރި ކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގެ ހަނދާން ކަމަށާއި، ހަމައެއާއެކު، ޢާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ހަނދާން ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނަށް އެހީތެރިވެ، ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް، މިފުރްޞަތުގައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރައްވާފައި ވެއެވެ. މާތްރަސްކަލާނގެ މި ޢީދުގެ ދުވަސްތައް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ދުވަސްތަކެއް ކަމުގައި މިންވަރު ކޮށްދެއްވުމަށްވެސް ރައީސްގެ ހިތާބުގައި އެދިވަޑައިގެންފައިވެ އެވެ.

މި މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މިމުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.