16 Apr 2018, 10:47
ޕެރިސް (16 އޭޕްރީލް): ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ނުގެނައުމަށް ބާރު އެޅުއްވި ކަމަށް ފްރާންސްގެ ރައީސް އިމާނުއަލް މެކްރުން ވިދާޅުވެއްޖެ އެވެ.
އިއްޔެ ފްރާންސްގެ ބީއެފްއެމް ޓީވީ އަދި އާރުއެމްސީ ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި އިމާނުއަލް ވަނީ އެމެރިކާއާ ބައިވެރިވެ ހޮނިހިރު ދުވަހު ދިން ހަމަލާ ދިފާއުކުރައްވައިފަ އެވެ.
"އަޅުގަނޑުމެން ޑޮނަލްޑް ޓްރަމްޕަށް ބާރުއެޅުއްވިން ސީރިއާއިން ނުފޭބުމަށް. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ތިން މެމްބަރުން އެ ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފައި." އިމާނުއަލް ވިދާޅުވި އެވެ.
މެކްރޮން ސީރިއާގެ މައްސަލާގައި އެފަދަ ގޮތަކަށް ވިދާޅުވުމުގެ ކުރިން އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވެސް ވަނީ އެމެރިކާ އިން ބޭނުންވާ މަގުސަދު ހާސިލްނުވަނީސް ސީރިއާއިން ނުފައިބާނެ ކަމަށް ވިދާޅުވެފަ އެވެ.
ހޭލީ ވަނީ އެމެރިކާ އިން ސީރިއާގައި ހާސިލްކުރަން ބޭނުންވާ ތިން ކަމެއް ފާހަގަކުރައްވައިފަ އެވެ. އޭގެތެރޭގައި ކެމިކަލް ހަތިޔާރު ބޭނުންކުރިޔަ ނުދިނުމާއި، އައިއެސް ހަނގުރާމަވެރިން ބަލިކުރުމާއި އަދި އިރާނުގެ ނުފޫޒުން ސީރިއާ ސަލާމްތަކުރުން ހިމެނެ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ ސީރިއާގެ ކެމިކަލް ހަތިޔާރު އުފައްދާ އަދި ރައްކާކުރާ ކާރުހާނާތަކަށް އެގައުމުން ވަނީ ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
ނަމަވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ، އެމެރިކާ އިން ފޮނުވާލި 100 އަށް ވުރެ ގިނަ މިސައިލު ހަމަލާތަކުގެ ތެރޭން 71 މިސައިލެއް، ސީރިއާގެ މިސައިލް އައްޑަނަތަކުގެ އެހީގައި ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
އަދި ސީރިއާ ސަރުކާރުން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކަކީ، ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ރަޝިއާ އާއި ސީރިއާ އިން ވެސް ވަނީ ބުނެފަ އެވެ.
މަސްދަރު: ޕްރެސްޓީވީ