16 Apr 2018, 10:42
ހޮނިހިރު ދުވަހު އެމެރިކާ އިން ސީރިއާއަށް ދިން ވަރުގަދަ މިސައިލު ހަމަލާތަކުގެ ސަބަބުން އެމެރިކާ އިން ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުވި ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.
ލުބްނާނުގެ ބެއިރޫތުގައި އިއްޔެ ހިޒްބުﷲގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ އޭނާގެ ސަޕޯޓަރުންނާ މުޙާތަބުކުރައްވައި ވިދާޅުވީ އެ ހަމަލާތަކުގެ ބޭނުމަކީ ސީރިއާ ސިފައިންގެ އަޒުމް ގުޑުވާލުން ކަމަށާއި އެހެން ނަމަވެސް ފެނިގެން ދިޔައީ ސީރިއާ ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަވެގެން ދިޔަތަން ކަމަށެވެ.
ނަސްރުﷲ ވިދާޅުވީ، ސީރިއާ ސިފައިން ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރި ގްރޫޕުތަކާ ދެކޮޅަށް ކާމިޔާބު ހޯދާ ކޮންމެ ފަހަރަކު އެމެރިކާއަށް އެކަން ހަޖަމު ނުވާ ކަމަށާއި އެހެންކަމުން ދެން ވެސް އެފަދަ ހާލަތެއްގައި ސީރިއާ ސިފައިންނަށް ހަމަލާދޭނެ ކަމަށެވެ.
މިފަހަރުގެ ހަމަލާ ދިނީ، ސީރިއާގެ ސިފައިން ދިން ކަމަށްބުނާ ކެމިކަލް ހަމަލާގައި އެއްވެސް ބުރަދަނެއް ނެތުމުން އެކަން ފޮރުވުމަށް ކަމަށް ވެސް ނަސްރުﷲ ވަނީ ތުހުމަތުކުރައްވައިފަ އެެވެ.
"ކެމިކަލް ހަމަލާ ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކެމިކަލް ވެޕަންސްގެ މާހިރުން ކެމިކަލް ހަތިޔާރު ދިން ކަމަށް ބުނާ ސަރަހައްދަށް ދިއުމުގެ ކުރިން އެމެރިކާ އިން އެ ވަނީ ހަމަލާދީފައި،" ނަސްރުﷲ ވިދާޅުވި އެވެ.