16 Apr 2018, 09:06
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝުވާޓްސްނީގާ ފެނިގެންދާ ފެންޓަސީ ސައިންސް ފިކްޝަން ފިލްމު "ޓާމިނޭޓާ"ގެ ހަ ވަނަ ފިލްމު އަންނަ މަހު ޝޫޓް ކުރަން ފެށުމަށް ހަމަޖައްސައިފިއެވެ.
ފިލްމުގައި ހިމެނޭ ކާސްޓުން މިހާރު ވަނީ އިއުލާންވެސް ކޮށްފައެވެ. ފިލްމުގައި ހިމެނޭނެ ތަރިންގެ ތެރޭގައި މެކެންޒީ ޑޭވިސް، ގެބްރިއެލް ލޫނާ އަދި އާނޮލްޑާއި ލިންޑާ ހެމިލްޓަން އެވެ.
ޓާމިނޭޓާގެ އެ ފިލްމަށް އަދި ނަމެއް ދީފައި ނުވާއިރު ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އެއްވަނަ ދުވަހު ރިލީޒްކުރި "ޓާމިނޭޓާ 2: ޖަޖްމަންޓް ޑޭ"ގެ ޑައިރެކްޓް ސީކިއުލް އަކަށް ހަދާ އެ ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ، ޖުލައި 26، 2019 ވަނަ ދުވަހު އެވެ.
ނަމަވެސް ތާރީހު ބަދަލުކޮށް މިހާރު އެ ފިލްމު ރިލީޒްކުރަން ތާވަލު ކޮށްފައިވަނީ ނޮވެމްބަރު 22، 2019 ގައެވެ.
ޑެޑްޕޫލްގެ ޑައިރެކްޓަރު ޓިމް މިލާ ޑައިރެކްޓްކުރާ ޓާމިނޭޓާގެ ހަވަނަ ފިލްމުގެ ޕްރޮޑިއުސަރަކީ ޖޭމްސް ކެމެރޮންއެވެ.
މައުލޫމާތު: ވެރައިޓީ