16:00


ގުއަންޓަނާމޯބޭ ޖަލުން ރާޖެއަށް މީހުން ގެނައުމަށް ސަރުކާރުން ނިންމި މައްސަލައާބެހޭ މައުލޫމާތު ސާފު ކުރުމަށް، ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަސްއޮޑި އަހްމަދު ނަސީމާއި، އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އިލިޔާސް ހުސެއިން އިބްރާހިމް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކުރައްވައި ސުވާލު ކުރައްވައިފި އެވެ.


ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ އެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސަވައި، ގުއަންޓަނާމޯބޭ ޖަލުން ރާޖެއަށް މީހުން ގެނައުމަށް ސަރުކާރުން ނިންމި މައްސަލަ، އާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.


މީގެ ކުރިން ނޫސްވެރިންނަށް ފުރުސަތު ހުޅުވައިލައިގެން މި މައްސަލަ ކޮމިޓީގައި ކުރިއަށް ގެންދިޔަ ނަމަވެސް، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާތީ، މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާއަށް ހަވާލާދެއްވައި މިއަދުގެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ ބައިގަޑިއެއްހާއިރު ކޮމިޓީގެ މެންބަރުން މަޝްވަރާކުރުމަށްފަހު އެވެ.


މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގައި ބުނަނީ، ކޮމިޓީއަށް މީހަކުދޭ ބަޔާނަކާ ބެހޭ މައުލޫމާތު ކޮމިޓީގެ މެންބަރަކު ނުވަތަ އެހެންވެސް މީހަކު، މަޖިލީހަށް އެކަމެއް ހުށަހެޅުމުގެ ކުރިން އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށެވެ.


އެގާރަ ޖެހިއިރު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށި ނަމަވެސް ކޮމިޓީގެ އަސްލު މައްސަލައިގެ ކުރިން ކޮމިޓީގައި ބަހުސްކުރެވުނީ، ކޮމިޓީގެ ބައްދަލުވުން ނޫސްވެރިންނަށް ހުޅުވާލުމާބެހޭ ގޮތުންނެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކަށް ނޫސްވެރިންނަށް ވަދަވޭގޮތަށް ނިންމައިގެން ކުރީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާތީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ލައިވް ކުރުމަށާއި ކަވަރު ކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިން މިއަދުވެސް މަޖިލީހުގެ އިދާރާއަށް ހާޒިރުވެ ޖަވާބެއްގެ އިންތިޒާރުގައި ގިނައިރުތަކެއް ވަންދެން ތިބެންޖެހުނުކަން ފާހަގަކޮށްލެވެ އެވެ.


ގައުމީސަލާމަތާބެހޭ ކޮމިޓީން ބަލަމުންދާ މައްސަލައާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް، ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަސްއޮޑި އަހްމަދު ނަސީމާއި، އެޑިޝަނަލް ސެކްރެޓަރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އިލިޔާސް ހުސެއިން އިބްރާހިމް އެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންދެއްވުމަށް އެދި ކޮމިޓީން ދެންނެވި ދެންނެވުމާއި ކޮމިޓީގެ މުގައްރިރު ނެރުއްވި އަމުރަށް ވެސް މީގެކުރިން ވަނީ އިޖާބަ ނުދެއްވައިފަ އެވެ. ނަމަވެސް މިއަދުގެ އެ ބައްދަލުވުމަށް އެ ހަތަރު ބޭފުޅުން ހާޒިރުވެވަޑައިގެންފައި ވަނީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ނެރުއްވި އަމުރާ ގުޅިގެންނެވެ.


މިއަދު އޮތް އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަންނަވައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އިލިޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ، ކޮމިޓީން ސުވާލު ކުރެއްވީ، އިމިގްރޭޝަން ގާނޫނުގެ ދަށުން ބިދޭސީން އެތެރެކުރާބެހޭގޮތުން ކަމަށެވެ. ނަމަވެސް ގާނޫނީގޮތުން ކޮމިޓީގެ ކަންތައްތަކާބެހޭ މައުލޫމާތު ހާމަކުރެވޭނީ ކޮމިޓީގެ މެންބަރުންނަށް ކަމަށް ވިދާޅުވެ އެކަމާބެހޭ އިތުރު ތަފްސީލެއް އިލިޔާސް ނުދެއްވި އެވެ.