ޓޫރިޒަމް ދާއިރާއަށް ސިވިލް ސާވިސް އިން "ކޮންޓްރިބިއުޓް" ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ސިވިލް ސާވިސް ކޮންފަރެންސްގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ 2013 އިން ފެށިގެން މިއަހަރާ ހަމައަށް 50އަށް ވުރެ ގިނަ ރިސޯޓުތައް ހުޅުވިގެން ދާނެ ކަމަށެވެ. އަދި ބުނީ އިންޓަގްރޭޓްޑް ޑިވެލޮޕްމަންޓް ފަސް ރިސޯޓުގެ ޕްރޮޖެކްޓުގެ ބޮޑުބައި މިއަހަރު ނިމިގެން ދާނެ ކަމަށެވެ.

" ވަރަށް ބައިވަރު ވަޒީފާތަކެއް އުފެދިގެން ދާނެ. މިތަންތަނަށް ދާނީ ސްކޫލު ނިންމާ ޒުވާނުން އެކަންޏެއް ނޫން. ތަޖުރިބާ ހުރި މީހުންތަކެއް ދާން އެބަޖެހޭ. މިހާ ޝޯޓް ޕީރިއަޑެއްގެ ތެރޭގައި ބޭރު މީހުން ރެކްރޫޓުކޮށްގެން އެކަންޏެއް އަޅުގަނޑުމެންނަށް އެކަންތަކެއް ނުކުރެވޭނެ. ރާއްޖޭގެ ހޮސްޕިޓާލިޓީ ޑިވޮލޮޕްވަނީ ރާއްޖޭގެ މީހުންގެ ހިތްހެޔޮ ކަމާ ރާއްޖޭގެ މީހުން ދޭ ހިދުމަތްތަކުން،" މިނިސްޓަރު ވިދާޅުވިއެވެ.

ދަރުބާރުގެ ގޭގައި މިއަދު ބޭއްވި ސިވިސް ސާވިސް ކޮންފަރެންސްގައި ޑރ. އަލީ ޝަމީމް ވާހަކަ ދައްކަވަނީ---ސަން ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މިހާ ހިސާބަށް އައީ ދިވެހިންގެ ސަބަބުން ކަމަށާއި އެ ދާއިރާއަށް "ކޮންޓްރިބިއުޓް" ކުރަން ސިވިލް ސާވިސްއިން މިހާރު ތައްޔާރުވާން ޖެހޭ ކަމަށެވެ.

" އެ ކޮންޓްރިބިއުޓް ކުރެވޭނީ މިދެންނެވިހެން ތަޖުރިބާކާރު ބޭފުޅުންވެސް އެތަންތަނަށް ގޮސްގެން އެ މަސައްކަތުގައި ބައިވެރިވެގެން،" ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.