29 Aug 2011, 17:30
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން ދެ ވަނަ ބެޗްގެ 84 ގައިދީއަކު މިރޭ ދޫކޮށްލާނެ ކަމަށް ދެ ވަނަ ފުރުސަތުގެ އޮފީހުން މިއަދު ބުނެފި އެވެ.
މިނިވަން ކުރާ ގައިދީންގެ ކަންތައްތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ދެ ވަނަ ފުރުސަތުގެ އޮފީހުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ އޮފީހުގެ އިސް އޮފިޝަލެއް ކަމަށްވާ މޫސާ ރަމީޒް މިއަދު ވިދާޅުވީ މިރޭ އިމާދުއްދީން ސްކޫލްގައި ބާއްވާ ބައްދަލުވުމުގައި 84 ގައިދީއަކު އެމީހުންގެ އާއިލާތަކާ ހަވާލުކުރާނެ ކަމަށެވެ.
މިރޭ މިނިވަން ކުރާ މީހުންނަކީ ކުދި ވައްކަމާއި މަސްތުވާތަކެތި އަދި ޗެކްބައުންސް ވުމުގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ކަމަށް ރަމީޒް ވިދާޅުވި އެވެ. ފުރަތަމަ ބެޗްގެ މީހުންނާ ހިލާފަށް މިރޭ މިނިވަންކުރާ ހުރިހާ ގައިދީން ވެސް އާއިލާތަކާ ހަވާލުކުރަނީ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ ރިހިބިލިޓޝަން ޕްރޮގްރާމް ނިންމުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ ބެލީ 100 ގައިދީން މިނިވަން ކުރެވޭތޯ. އެކަމަކު ޕްރޮގުރާމުން ކަންތައްތަކަށް ބަލާފައި، 84 ވަރަކަށް އެ އަދަދު މި ބަދަލު ކުރީ،" ރަމީޒް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ތެރެއިން އެ ގައިދީން ދާން ބޭނުންވާ ވަޒީފާތައް ދެނެގަނެވިފައިވާ ކަމަށް ރަމީޒް ވިދާޅުވި އެވެ. އެމީހުންގެ ތެރެއިން އެންމެ ގިނަ މީހުން ދާން ބޭނުން ވަނީ ޓޫރިޒަމް އާއި މަސްވެރިކަމާއި އަދި ޕްރޮފެޝަނަލް އެކި އެކި މަސައްކަތްތައް ކުރުމަށް ކަމަށް ރަމީޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަތަރު ކުއްޖަކު ސިޔާސީ ދާއިރާއަށް ނިކުނަން ބޭނުންވާ ކަމަށެވެ.
"މި ބަލަނީ ހުނަރު ޕްރޮގްރާމްގެ ތެރެއިން އެ ކުދިންނަށް ތަމްރީން ދީގެން ވަޒީފާގެ ފުރުސަތުތަކެއް ހަމަޖައްސައިދެވޭތޯ،" ރަމީޒް ވިދާޅުވި އެވެ.
ދެ ވަނަ ފުރުސަތު އޮފީހުން ބުނީ ފުރަތަމަ ބެޗްގެ މީހުންގެ ތެރެއިން 20 މީހަކު އަންނަނީ ވަޒީފާތަކަށް ނިކުންނަމުން ކަމަށެވެ. ރަމީޒް ވިދާޅުވީ މިހާތަނަށް ދޫކުރި އެއްވެސް ގައިދީއެއްގެ މައްސަލައެއް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.