ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ފުލުހުންގެ އިސް އޮފިސަރުންނަށް ހާއްސަ ޓާސްކްތަކެއް ހަވާލުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރުކޮށީގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އަރީފް ދުރާލާ އެ އަމުރު ތަންފީޒުކުރަން ތައްޔާރުވިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

" 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ދުރާލާ ރާވައިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިދާރީ އޮނިގަނޑަށް ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، އެ ބަދަލު ތަކަކީ ފުލުހުންގެ އާންމު އުސޫލުތަކުގެ ތެރެއިން ގެނެވޭ ބަދަލުތަކާ ހިލާފަށް ގެނެވިފައިވާ ބަދަލެއް ކަމަށެވެ.

ޝިފާން މިހެން ވިދާޅުވިއިރު "ސަން"އަށް އެނގިފައިވާ ގޮތުގައި އެރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ވެރިއަކަށް ހުރި އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް މުހައްމަދު ވަނީ އެ މަގާމުން ބަދަލުކޮށްފައެވެ. އަދި ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައީ، ޑެޕިއުޓީ ކަމިޝަނާރ އޮފް ޕޮލިސް އަހްމަދު ސައުދީއަށް އެންގުމަކާ ނުލައި ޕޮލިސް އެގްޒެކްޓިވް ކޮމިޓީގެ މަޝްވަރާއާވެސް ނުލައިކަން ވަނީ އެނގިފައެވެ.

ޝިފާން ވިދާޅުވީ، ކުރީގެ ސީޕީ އަރީފް ދުރާލައި ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ތައްޔާރުވިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ "ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ފުލުހުންގެ އިސް އޮފިސަރުންނަށް ހާއްސަ ޓާސްކްތަކެއް ހަވާލުކޮށްފައިވާކަން ޔަގީން ކުރެވިފައިވާ" ކަމަށެވެ.

އަދި އެ އަމުރު ނެރުނު ވަގުތު މާލެ ތެރޭގައި މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުގައި އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންނާ، ފުލުހުންގެ ބަޔަކު ކުރިމަތިލީކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްފައި ވަނީ މ. ސްނޯރޯސްގެ ފަސް ވަނަ ފްލޯގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.