އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްގެެ ގޮތްޕެއް ރާއްޖޭގައި ހުޅުވާން ނިންމާފައިވާ ކަމަށް ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަދި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އައްސާދިގު އައްސިއްދީގު އަބްދުއްރަހްމާން އަލްމަހްދީ ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޚާއްސަ އެވޯޑެއް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައު ވާހަކަފުޅު ދައްކަވަމުން ފޯރަމްގެ ރައީސް އައްސިއްދީގު އަބްދުއްރަހްމާން ވިދާޅުވީ އިސްލާމްދީން ކުރިއަރުވައި މުޖުތަމައުގައި ހަމަޖެހުން ގާއިމް ކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަން ބަލައިގަންނަ ކަމަށެވެ.

އަދި ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް ރާއްޖެއިން އެކުލަވާލާފައިވާ ޕޮލިސީތައް ވެސް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުރަހުމާނު ވިދާޅުވީ ރާއްޖެ އިން އެހެން ގައުމުތަކާ ގުޅިގެން ހާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކާ ގުޅިގެން ހައްދުފަހަނަ އަޅާ ދިއުމާ ދެކޮޅަށް ރާއްޖެ އިން ކުރަނީ މުހިއްމު މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން އަރަބި ބަސް ކުރިއަރުވައި އަރަބި ބަހުގެ އިލްމު ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތް ވެސް އައްސިއްދީގު އަބްދުއްރަހްމާން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މޮޑަރައިޒޭޝަން ފޯރަމަކީަކީ އެއްވެސް ސިޔާސީ ފަރާތެއްގެ އެހީގައި ހިންގާ ހަރަކާތެއް ނޫން ކަމަށާއި އެއީ މަދަނީ ޖަމްއިއްޔާ އެއްކަމަށް އެ ފޯރަމްގެ ރައީސް ވިދާޅުވި އެވެ.

އިސްލާމީ އަޚުވަންތަކަން އިސްކޮށް ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް އިސްލާމީ ހުރިހާ ގައުމަކުން މަސައްކަތް ކުރުމަށް ވެސް އަބްދުރަހުމާނު ގޮވައިލެއްވި އެވެ.

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ 2002 ވަނަ އަހަރުން ފެށިގެން އުފެދިފައި އޮތް އިސްލާމީ އަދި އެހެނިހެން ދީންތަކާއި ފިކުރުތައްވެސް ބައިވެރިވާ ހަރަކާތެކެވެ. އެ ހަރަކާތް ބަލަހައްޓަވަމުން ގެންދަވަނީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ޚާއްސަ ރިޔާއަތުގެ ދަށުންނެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ)ގެ ފަރާތުން ޚާއްސަ ނަޒަރިއްޔާތެއްދީފައިވާ މި ފޯރަމަކީ އެ ކައުންސިލްގެ އިލްތިމާސާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްލާމިކް ޔުނިވާސިޓީއާއި އެނޫންވެސް އިތުރު ޔުނިވާސިޓީތަކުން އިލްމްވެރިންނާއި ދިރާސާކުރާ ފަރާތްތަކާ އެކު އެކިއެކި ފަންނުގެ 12،000 އަށް ވުރެ ގިނަ ޕްރޮފެސަރުން ބައިވެރިވާ ފޯރަމެކެވެ.

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވާފައިވާއިރު 15 އަހަރުވީ އެ ހަރަކާތުގެ ތާރީހުގައި މި އެވޯޑް މީގެ ކުރިން އަރުވާފައި ވަނީ ދެ ބޭފުޅަކަށެވެ.

އެއީ މޮރަޓޭނިއާގެ މިހާރުގެ ރައީސް މުހައްމަދު ބިން އަބްދުލް އަޒީޒް އަދި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައުދެވެ.