ހައިރައިޒުން އިންތިޒާމުކޮށްގެން ދޭ ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 އަށް ނޭޕާލުގެގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް އެގައުމުގެ ހޮޓެލް މަލްބެރީ ހަމަޖައްސައިފިއެވެ.

ހޮޓެލް މަލްބެރީއަކީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ހިންގާ ތިންތަރީގެ ހޮޓަލެކެވެ. ނުވަ ބުރީގެ މި ހޮޓަލުގައި އެކި ފެންވަރުގެ ޖުމްލަ 67 ކޮޓަރިއާއި ސްޕާއެއް ހުރެއެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑުގައިވެސް ނޭޕާލު ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ހޮޓެލް މަލްބެރީއެވެ.

ސަޓާއަށް ނޮމިނޭޓުވެފައިވާ ނޭޕާލުގެ ޕްރޮޕަޓީތަކުގެ އިވެލުއޭޝަންތައް ކުރިއަށް ދާނީ އެ ހޮޓެލްގައެވެ. ސަޓާގެ އިވެލުއޭޝަންތައް ފަށާނީ ޖޫން މަހުގެ ތެރޭގައެވެ.

ސަޓާ 2018ގެ ރާއްޖޭގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މާލޭގެ މަޝްހޫރު މޫކައި ހޮޓެލް، ކާމް ހޮޓެލް، މޫކައި ސުއީޓްސް އަދި ސަމަރ އައިލެންޑް ރިސޯޓު، އެނބޫދޫ ވިލެޖާއި އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސްއެވެ.

ސަޓާ އެވޯޑުގެ އޮންލައިން ވޯޓިން މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި އޮންލައިން ވޯޓިންއަށްފަހު ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލްއަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ހައިރައިޒުން ބުންނެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް ޝަހަރު މުމްބާއީގައެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެއެވެ. ހައިރައިޒުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން