15 Apr 2018, 14:37
ދިއްލީ (އޭޕްރިލް 15): ރޭޕްގެ މައްސަލައަކާ ގުޅިގެން އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މަޖިލިސް މެމްބަރަކު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
އުއްތަރަ ޕްރަދޭޝްގެ މަޖިލިސް މެމްބަރެއް ކަމަށްވާ ކުލްދީޕް ސިންހު ސެންގަރު ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެވެ.
އުއްތަރަ ޕްރަދޭޝްގެ ޕޮލިސް ޗީފް އޯޕީ ސިންހު ވިދާޅުވި ގޮތުގައި އިއްޔެ ސެންގަރު ހައްޔަރު ކުރީ އޭނާއާ ސުވާލު ކުރުމަށްފަހުގައި އެވެ.
އެމައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ ވަނީ އޭނާގެ މައްސަލަ ފުލުހުން ބަލައިގަންނަން ދެކޮޅު ހެދި ކަމަށް ބުނެފައި އެވެ. އަދި މިމަހުގެ އަށް ވަނަ ދުވަހު އެކުއްޖާ ވަނީ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރުގެ ގޭގެ ކުރިމަތީގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި އެވެ.
އޭގެ އެއް ދުވަސް ފަހުން، ފުލުހުންގެ ހައްޔަރުގައި ހުރި އެކުއްޖާގެ ބައްޕަ ވަނީ މަރުވެފައި އެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު އެކުއްޖާގެ ބައްޕަ ހައްޔަރު ކުރީ ސެންގަރުގެ އާއިލާގެ މެމްބަރަކާއި އޭނާއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަރުވީ އެހަމަނުޖެހުމުގެ ސަބަބުން ލިބުނު އަނިޔާއަށް ރަނގަޅަށް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެމައްސަލައާ ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ހަ ފުލުހަކު ވަނީ ސަސްޕެންޑުކޮށްފައި އެވެ.
ސެންގަރު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައި އެވެ. އަދި އެއީ "ދަށް ފަންތީގެ ބަޔަކު" ފަތުރާ ވާހަކަތަކެއް ކަމަށް ބުނެފައި އެވެ.
އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެގައުމުގައި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާ އިރު 82 ޕަސެންޓަށް އިތުރުވެފައި އެވެ. (އަލްޖަޒީރާ)