15 Apr 2018, 14:32
އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން މިއަދު އެމަނިކުފާނަށް އެވޯޑެއް އެރުވުމަކީ ޓެރަރިޒަމާ ދެކޮޅަށް އެމަނިކުފާނު ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ރައީސުލް ޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން އަރުވާ އެންމެ މަތީ ޝަރަފްގެ އެވޯޑް އެމަނިކުފާނަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އެ އެވޯޑް ހާސިލްކުރައްވާފައިވާ ދެ ބޭފުޅުންގެ ފަހަތުން އެ އެވޯޑް ލިބިވަޑައިގަންނަވާ ތިންވަނަ ފަރާތަކަށް އެމަނިކުފާނު ވެވަޑައިގަތުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި އެއީ ޓެރަރިޒަމާ ދޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދީނީ ހަރުކަށިފިކުރުތަކާއި ހައްދުފަހަނައަޅާދިޔުމާ ދެކޮޅަށް ރާއްޖެއިން ކާމިޔާބު މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި 2016 ވަނަ އަހަރު އުފެއްދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވާހިނދު ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރާ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭން ޖެހޭ. އިލާހީ ގާނޫނުން ދަސްކޮށްދޭ ހަގީގަތަކީ ނުބައި ކަންތައްތައް ނައްތާލެވޭނީ ކޮންމެވެސް ރަނގަޅު ކަމަކުންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމީ އުންމަތް މިއަދު އޮތީ ވަރަށް ނާޒުކް ހާލަތެއްގައި ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ދުނިޔޭގެ ތާރީޚުގައިވެސް މީގެ ކުރިން ނުފެންނަވަރަށް އިސްލާމީ އުންމަތުގެ ހާލަތު މިވަނީ ދަށަށްގޮސްފައި. އެތެރޭގެ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތައް ހަލާކުވެފައިވާއިރު އަޅުގަނޑުމެންގެ އެކުވެރި ފަލަސްތީން، ސީރިއާ، ޔަމަން، ރޮހިންގާ އަދި އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމު އަޚުންނާއި އުޚުތުންގެ ކަންބޮޑުވުންތަކާއި އެމީހުންގެ ގައިގާ އަޅަމުންދާ ވޭނަކީ އަހަރަމެންގެ ގައިގާވެސް އަޅާނޭ ވޭނެއް. އެމީހުންނަށް އެހީތެރިވުމަކީ އަހަރަމެންގެ ޒިންމާއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މުޅި އިސްލާމީ އުންމަތް އެކައްޗެއް ކިޔައިގެން އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.