15 Apr 2018, 14:45
ދިމިޝްގު (15 އޭޕްރީލް): ސީރިއާއަށް ދިން ހަމަލާ ކެންސަރު ރިސާޗު ސެންޓަރަކަށް އަމާޒުވި ކަމަށް އެގައުމުން ބުނެފި އެވެ.
އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ކަމަށްވާ ފްރާންސުންނާއި އަދި އިނގިރޭސިވިލާތުން އިއްޔެ ސީރިއާއަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެމެރިކާ އިން ބުނީ ކެމިކަލް ހަމަލާތައް އަމާޒުކުރީ، ސީރިއާގެ އާންމުންނަށް ހަމަލާ ދިނުމަށް ބޭނުންކުރާ ކެމިކަލް ހަތިޔާރު އުފެއްދުމަށް ޓަކައި ދިރާސާތައް ކުރާ ރިސާޗު ސެންޓަރުތަކަށް ކަމަށެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ސީރިއާގެ ވެރިރަށް ދިމިޝްގާއި ހޮމްސްގައި ހުންނަ ކެންސަރާ ބެހޭ ދިރާސާތައް ކުރާ ރިސާޗް ސެންޓަރުތަކުން އެކަށީގެންވާ ވަރަށް ބޭސް ނޫއުފެއްދޭ ކަމަށް ސީރިއާ އިން ބުނެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ސީރިއާގައި ފެށުނު މުޒާހަރާތަކާ އެކު ފެށުނު ދާހިލީ ހަނގުރާމައިގެ ސަބަބުން، ހުޅަނގުގެ ގިނަ ކުންފުނިތަކުން ވަނީ ސިރިއާއަށް ބޭސް އެކްސްޕޯޓް ކުރުން ހުއްޓާލައިފަ އެވެ. އެކަމާ ހުރެ ކެންސަރު ފަދަ ފަރުވާތަކަށް ބޭނުންވާ އަގުބޮޑެތި ކޮލެޓީ ބޭސްތައް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ވިދާޅުވީ ސީރިއާގެ ކެމިކަލް ހަތިޔާރު އުފައްދާ އަދި ރައްކާކުރާ ކާރުހާނާތަކަށް އެގައުމުން ވަނީ ކާމިޔާބު ހަމަލާތަކެއް ދީފައި ކަމަށެވެ.
ނަމަވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ، އެމެރިކާ އިން ފޮނުވާލި 100 އަށް ވުރެ ގިނަ މިސައިލު ހަމަލާތަކުގެ ތެރޭން 71 މިސައިލެއް، ސީރިއާގެ މިސައިލް އައްޑަނަތަކުގެ އެހީގައި ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
އަދި ސީރިއާ ސަރުކާރުން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކަކީ، ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ރަޝިއާ އާއި ސީރިއާ އިން ވެސް ވަނީ ބުނެފަ އެވެ.
މަސްދަރު: ޕްރެސްޓީވީ