އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ލީގު ނެގުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.

ރޭ ޓޮޓެންހަމްއާ ދެކޮޅަށް ސިޓީ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ލީގު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ 16 ޕޮއިންޓްގެ ލީޑެއްގަ އެވެ.

ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ. އެ މެޗުން ޔުނައިޓެޑް ބަލިވެއްޖެ ނަމަ ސިޓީއަށް ލީގު ޔަގީންވާނެ އެވެ. ލީގުގައި ސިޓީއަށް ބާކީ ފަސް މެޗު އޮތް އިރު، މިރޭ ޔުނައިޓެޑް މޮޅުވި ނަމަވެސް ލީގު ނަގަން ސިޓީ ބޭނުން ވަނީ އެންމެ މޮޅެކެވެ.

ރޭ ޓޮޓެންހަމްގެ ހޯމް، ވެމްބްލީގައި ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނި ގެބްރިއަލް ޖީސަސް އެވެ. ގެބްރިއަލް ޖީސަސްގެ ގޯލަށް ތިން މިނެޓު ވެސް ނުވަނީސް ސިޓީން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

ގެބްރިއަލް ޖީސަސްއަށް ޓޮޓެންހަމް ކީޕަރު ހޫގޯ ލޮރިސް، އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ސިޓީއަށް ލީޑު ފުޅާކޮށްދިނީ އިލްކޭ ގުންޑަގޮން އެވެ.

ސިޓީއާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރިސްޓިއަން އެރިކްސަން ގޯލެއް ޖަހައި، ޓޮޓެންހަމްއަށް އުންމީދު އާކޮށްދިން ނަމަވެސް ދެވަނަ ހާފަށް ނުކުމެ މެޗުގެ 72 ވަނަ މިނެޓުގައި ސިޓީން ވަނީ އަނެއްކާ ވެސް ލީޑު ފުޅާކޮށްފަ އެވެ.

ސިޓީގެ ތިންވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

މި ސީޒަންގައި ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެންމެ ބޮޑު މާޔޫސް ކަމަކަށް ދިމާވީ ޗެމްޕިއަންސް ލީގުން ކެޓުމެވެ. ކުއާޓާ ފައިނަލް ދެ ލެގުގައި ވެސް ލިވަޕޫލް އަތުން ބަލިވެ ސިޓީ ޗެމްޕިއަންސް ލީގާ އަލްވަދާއު ކިޔާފައިވާ އިރު، ސިޓީއަށް ސީޒަންގައި ބާކީ އޮތް ހަމައެކަނި ތަށްޓަކީ ލީގެވެ.