29 Aug 2011, 16:03
ގިނަ ދުވަސްތަކަކަށް ޔުވެންޓަސްގެ ގޯލު ބަލަހައްޓަމުން އަންނަ ތަޖުރިބާކާރު އިޓަލީގެ ގޯލުކީޕަރު ޖިއާންލުއިޖީ ބުފަންގެ ކެރިޔަރުގެ ބާކީ ދުވަސްތައް ވެސް ހޭދަކުރާނީ އެކުލަބުގައި ކަމަށް އޭނާގެ އެޖެންޓު ބުނެފި އެވެ.
"ޔުވަންޓަސްގައި މުޅި އުމުރު ދަވަހު ބުފަން މަޑުކުރާނެ. އެހެން ކުލަބަކަށް އޭނާ ދާން ބޭނުން ނަމަ މިހާރު އެކަންތައް ނިންމީސް. އޭނާ އަށް ބޮޑެތި އެތައް ކުލަބަކުން ހުށަހެޅުންތައް ލިބުނު. އެކަމަކު ބުފަން ބޭނުންވީ އަބަދުވެސް ޔުވެންޓަސްއާ އެކު ކުރިއަށް ދާން." ބުފަންގެ އެޖެންޓް ސިލްވާނޯ މާޓިނާ ބުންޏެވެ.
އުމުރުން 33 އަހަރުގެ ގޯލު ކީޕަރު ބުފަން އަކީ 2001 ވަނަ އަހަރު ޕާމާ އިންޔުވެންޓަސް އާ ގުޅުނު ގޯލު ކީޕަރެކެވެ. ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ބުފަން ވަނީ ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނިފަ އެވެ.
ބުފަން ވަނީ 2006 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ހޯދައި އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމުވެސް ހޯދާފަ އެވެ. އެއަހަރު ކޮރަޕްޝަނުގެ މައްސަލައެއްގައި އިޓަލީގެ ދެވަނަ ޑިވިޝަނަށް ވެއްޓުނު ޔުވެންޓަސްގައި މަޑުކުރި މަދު ކުޅުންތެރިންގެ ތެރޭގައި ބުފަން ހިމެނިފައިވެ އެވެ.
ޔުވެންޓަސް ގައި މަޑުކުރުމަށް ނިންމި ކީޕަރު ބުފަން އަށް ވަނީ މީގެކުރިން މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ރޯމާ ފަދަ ބޮޑެތި ޓީމުތަކުން ހުށަހެޅުން ލިބިފަ އެވެ.