ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު ޕްރޮޑަކްޝަން އާ ދިމާލަށް މިސްރާބު ޖަހައިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދީޕިކާ ވަނީ މީގެ ކުރިން ގިނަ އިންޓަވިއު ތަކެއްގައި ފިލްމު ޕްރޮޑިއުސް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ވަރަށް ފަހުން ޕީޓީއައި އަށް ދިން އިންޓަވިއު އެއްގައި ވެސް ދީޕިކާ ވަނީ ފިލްމު ޕްރޮޑިއުސަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ކަމަށް ބުނެފަ އެވެ.

ދީޕިކާ ބުނީ ކޮންމެސް ދުވަހަކުން ފިލްމު ޕްރޮޑިއުސް ކުރަން ބޭނުންވާ ކަމަށާއި މަގުސަދަކީ ތަފާތު މޮޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ދީޕިކާ މިހާރު އަންނަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.

ދީޕިކާ އަކީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއްގެ ދަށުން ފިލްމު ޕްރޮޑިއުސް ކުރާ ފުރަތަމަ ހިންދީ އަންހެން ބަތަލާއެއް ނޫނެވެ. ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި އަނުޝްކާ ޝަރްމާ ވެސް އަންނަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ހިންގަމުންނެވެ.

އަނުޝްކާގެ ކްލީން ސްލޭޓް ބެނާގެ ދަށުން އޭނާ ވަނީ މިހާތަނަށް ތިން ފިލްމެއް ޕްރޮޑިއުސް ކޮށްފަ އެވެ. އެއީ 'އެންއެހް-10'، 'ފިލޯރީ' އަދި 'ޕަރީ' އެވެ. ޕްރިޔަންކާގެ ޕްރޮޑަކްޝަން ހައުސްގެ އަކީ 'ޕާޕަލް ޕެބުލްސް' އެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޖެނުއަރީ މަހު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ޕަދްމާވަތު' އިންނެވެ. ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދީޕިކާ މިވަގުތު ހުރީ މަސައްކަތުން ކުޑަ ބްރޭކެއް ނަގައިގެންނެވެ.