އާ ލިޔުންތެރިޔަކާއެކު ޑީސީ އެންޓަޓެއިންމެންޓްގެ މަޝްހޫރު ފިކްޝަނަލް ހެރޮއިން، "ބެޓްގާލް"ގެ މައްޗަށް ހަދާ ފިލްމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި އެވެ.

ބެޓްގާލްގެ މަސައްކަތް އަލުން ފަށާފައި މިވަނީ، އެ ފިލްމުގެ މަސައްކަތް ކުރިން ކުރަމުންދިޔަ އެމެރިކާގެ މަޝްހޫރު ސްކްރީންރައިޓަރު، ޑައިރެކްޓަރު އަދި ކޮމިކް ބުކް ރައިޓަރު ޖޯސެފް ހިލް ވީޑަން، އެ ޕްރޮޖެކްޓް ދޫކޮށްދިޔަތާ ދެ މަސް ފަހުންނެވެ.

ޖޯސް ވީޑަން އަކީ މާވެލް ސިނެމެޓިކް ޔުނިވާސްގެ ސުޕަހީރޯ ފިލްމު "ދަ އެވެންޖާސް" (2012) އަދި އެ ފިލްމުގެ ސީކުއެލް "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" (2015) ލިޔެ ޑައިރެކްޓްކުރި އަދި ޑީސީ އެކްސްޓެންޑެޑް ޔުނިވާސް ސުޕަހީރޯ ފިލްމު "ޖަސްޓިސް ލީގު" (2017)ގެ ސްކްރިޕްޓް ކޯ ރައިޓްކުރި މީހާ އެވެ.

ބެޓްމޭން އަދި ރޮބިން ދިރިއުޅޭ ގޮތަމް ސިޓީގެ ޕޮލިސް ކޮމިޝަނަރު ޖޭމްސް ގޯޑަންގެ އަންހެން ދަރިފުޅު ބާބްރާ ގޯޑަން ފީޗާކޮށް، ހަދާ ބެޓްގާލް ފިލްމުގެ އާ ސްކްރިޕްޓް ލިޔަން މިހާރު ހަވާލު ކޮށްފައިވަނީ، "ޓްރާންސްފޯމާސް"ގެ ސްޕިއޮފް ފިލްމު، "ބަމްބުލްބީ"ގެ ލިޔުންތެރިޔާ ކްރިސްޓީނާ ހޮޑްސަންއާ އެވެ.

ވޯނާ ބްރޯސް އިން މިދިޔަ އަހަރު ރިލީޒްކުރި ތްރިލާ "އަންފޮގެޓަބަލް" ލިޔުނު ހޮޑްސަން އަކީ ޓްރާންސްފޯމާސް ގެ ލިޔުންތެރިންނާއެކު މަސައްކަތްކުރި މީހެކެވެ. އޭނާ މިހާތަނަށް ލިޔެފައިވަނީ އެންމެ ދެ ފިލްމެއްގެ ސްކްރިޕްޓެވެ.