ސްޕެނިޝް ލަލީގާގައި އެންމެ ފަހުން ކުޅުނު 39 މެޗުން ވެސް ބަލިނުވެ، ބާސެލޯނާއިން ޒަމާންވީ ރެކޯޑެއް މުގުރާލައިފި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާ ދެކޮޅަށް ބާސާ ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ ބާސާ ވަނީ ލީގު ނެގުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފަ އެވެ.

މިހާތަނަށް މި ސީޒަންގައި ލީގު މެޗަކުން ބާސާ ބަލިވެފައިނުވާ އިރު، މިދިޔަ ސީޒަނާ އެކު ބާސަ ވަނީ ލީގުގައި ބަލިނުވެ ޖުމްލަ 39 މެޗު ހަމަކޮށްފަ އެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ރެއާލް ސޮސިއެދާދު އަތުގަ އެވެ. އަދި 1978-79 އަދި 1979-1980 ސީޒަންގައި ސޮސިއެދާދު ވަނީ ބަލިނުވެ 38 މެޗު ހަމަކޮށްފަ އެވެ.

ރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ލުއިސް ޝުއަރޭޒް އެވެ. ޝުއަރޭޒް އެ ގޯލް ޖެހީ ފިލިޕް ކުޓީނިއޯގެ ރީތި ތުރޫ ބޯޅައަކުންނެވެ.

ބާސާއިން ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފް ބާސާއިން 1-0ގެ ނަތީޖާއަކުން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފް ފެށިގެން ފަސް މިނެޓް ތެރޭގައި ބާސާއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

ކުޓީނިއޯގެ ކޯނަރަކުން ބާސާއަށް ގޯލް ޖަހައިދިނީ ޑިފެންޑަރު ސަމިއުލް އުމިޓީޓީ އެވެ. މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ގޯލް، އެޓީމުން ކާމިޔާބުކުރީ 87 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. ވެލެންސިއާއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ޑެނިއަލް ޕަރޭހޯ އެވެ.

ލީގުގައި ބާސާއަށް ބާކީ ހަ މެޗު އޮތް އިރު، ލަލީގާގެ ޗެމްޕިއަންކަން ޔަގީން ކުރުމަށް އެޓީމަށް ބޭނުން ވަނީ ހަތް ޕޮއިންޓެވެ.

މިދިޔަ ހަފްތާ ތެރޭގައި ރޯމާ އަތުންް ބަލިވެ، ހިތްދަތިކޮށް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ ބާސާއަށް ސީޒަންގައި ޑޮމެސްޓިކް ދެ ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އަންނަ ހަފްތާގައި ކޮޕާ ޑެލްރޭގެ ފައިނަލްގައި ސެވިއްޔާއާ ދެކޮޅަށް ބާސާ ނުކުންނާނެ އެވެ.