15 Apr 2018, 09:33
ވޮޝިންޓަން (އޭޕްރިލް 15): ސީރިއާ ސަރުކާރުން ކެމިކަލް ހަމަލާއެއް ދީފި ނަމަ އެމެރިކާ އިން އޮތީ އަނެއްކާ ވެސް އެގައުމަށް ހަމަލާ ދޭން ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން އެފަދައިން ބުނެފައި ވަނީ މިދިޔަ ހަފްތާގައި ސީރިއާ ސަރުކާރުން އެގައުމުގެ ދޫމާއަށް ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނެ، އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން ސީރިއާގެ ތިން ސަރަހައްދަކަށް އިއްޔެ މިސައިލް ހަމަލާތައް ދިން ފަހުންނެވެ.
ގުޅިފައިވާ ލަޝްކަރުން ދިން އެހަމަލާތައް ކުށްވެރިކޮށް، އެފަދަ ހަމަލާތައް ހުއްޓުވުމަށް ގޮވާލައި ރަޝިއާ އިން އދ.ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ގަރާރެއް ހުށަހެޅި ނަމަވެސް، ފާހެއް ނުވި އެވެ.
ރަޝިއާ އިން ވަނީ އެހަމަލާތައް ދިނީ އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ދޫމާގެ ހަމަލާ ތަހުގީގުކޮށް ނުނިމެނީސް ކަމަށް ބުނެފަ އެވެ. އެހެންކަމުން އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން އެހަމަލާތައް ދިނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ރަޝިއާ އިން ބުންޏެވެ.
ނަމަވެސް އެމެރިކާ އިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވަނީ އެމެރިކާ އިން އެހަމަލާތައް ދިނީ ގާނޫނުތަކާ ހިލާފު ނުވާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު މިއަދު ހެނދުނު ރައީސް ޓްރަމްޕާ ވާހަކަ ދެއްކިން. އަދި ސީރިއާ ސަރުކާރުން އަނެއްކާ ވެސް ވިހަ ގޭސް ބޭނުންކޮށްފި ނަމަ އެމެރިކާ އިން އޮތީ މިސައިލްތައް ފޮނުވާލަން ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވި،" އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޭލީ ފާހަގަ ކުރެއްވި އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ވިދާޅުވީ ސީރިއާގެ ކެމިކަލް ހަތިޔާރު އުފައްދާ އަދި ރައްކާކުރާ ކާރުހާނާތަކަށް އެގައުމުން ވަނީ ކާމިޔާބު ހަމަލާތަކެއް ދީފައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެހަމަލާތައް ދިނުމުގައި އިނގިރޭސިވިލާތާއި ފްރާންސުން ބައިވެރިވުމުން، އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ނަމަވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ، އެމެރިކާ އިން ފޮނުވާލި 100 އަށް ވުރެ ގިނަ މިސައިލް ހަމަލާތަކުގެ ތެރޭން 71 މިސައިލެއް، ސީރިއާގެ މިސައިލް އައްޑަނަތަކުގެ އެހީގައި ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
އަދި ސީރިއާ ސަރުކާރުން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކަކީ، ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ރަޝިއާ އާއި ސީރިއާއިން ވެސް ވަނީ ބުނެފަ އެވެ. (ބީބީސީ)