15 Apr 2018, 09:20
މާލެ- ހުޅުލެ ގުޅާލުމަށް ހަދަމުންދާ މޯލްޑިވްސް - ޗައިނާ ފްރެންޑްޝިޕް ބްރިޖަށް ދާން އޮންނަ މާލޭ ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުންދާތީވެ، ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި ޕާކު ކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މަސައްކަތް ނިމެންދެން މޭރީ ބްރައުންނާ ހިސާބުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލްއާ ދެމެދު އެއްގަމު އުޅަނދު ޕާކުކުރުމަކީ މަނާކަމެއް ކަމެއްކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅައިގެން އަލުން އެ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާ އިރު، ބްރިޖް ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރު މަގުގެ ބޮޑުބައެއްގައި ތަޅާލައި ފުޅާކޮށް ވަނީ ނިމިފަ އެވެ. އަދި އާޓިފިޝަލް ބީޗު ސްޓޭޖު ވެސް ރޫޅާލައި ތަޅާލައިފައިވާ އިރު، ބޭރު މަގުގައި ހުރި ބޮޑެތި ގަސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ހިއްސާ ކުރި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ބޮޑުތަކުރުފާނު މަގު އަލުން ހަދާ އިރު އެ މަގުގައި 450 އެއްހާ ގަސް އިންދާނެ ކަމަށެވެ.