އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސީން ގުޅިގެން، ސީރިއާއަށް ދިން ވަރުގަދަ ހަމަލާތައް ކުށްވެރިކޮށް، އަދި އެފަދަ ހަމަލާތައް ހުއްޓުވުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ރަޝިއާއިން ހުށަހެޅި ގަރާރު ފާސްކުރަން ބޭނުންވާ ވަރަށް ވޯޓެއް ނުލިބުނެވެ.

ގުޅިފައިވާ ލަޝްކަރުން ސީރިއާގައި ހިންގަމުންދާ ހަރުކަށި އަމަލުތައް ހުއްޓާލުމަށް ގޮވާލައި ރަޝިއާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ލިބުނީ އެންމެ ތިން ވޯޓެއެވެ. އެއީ، ރަޝިއާ، ޗައިނާ އަދި ބޮލީވިއާގެ ވޯޓެވެ.

ރަޝިއާގެ ގަރާރުގައި އެމެރިކާއާއި ގުޅިފައިވާ ގައުމުތަކަށް ގޮވާލާފައި ވަނީ، ސީރިއާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށާއި އަދި ކުރިއަށް އޮތް ތާނގައިވެސް، ބައިނަލްއަގްވާމީ ގާނޫނުތަކާއި އަދ.ގެ ޗާޓަރާ ޚިލާފުވާ އެފަދަ އަމަލުތައް ނުހިންގުމަށެވެ.

އެމެރިކާ އިސްވެ އޮވެ، ސީރިއާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި ވަނީ، ސީރިއާގެ ސަރުކާރުން އެގައުމުގެ ސަހަރެއް ކަމަށްވާ ދޫމާގައި، ނުރައްކާތެރި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށެވެ.

ރަޝިއާގެ ގަރާރުގައި ބުނެފައި ވަނީ، އެމެރިކާއާއި ގުޅިފައިވާ ގައުމުތަކުން ސީރިއާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދިނީ، "އޯގަނައިޒޭޝަން ފޯރ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް ފެކްޓް ފައިންޑިންގ މިޝަން (އޯޕީސީޑަބްލިއު)ގެ ޓީމުން ތަހުގީގު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.

ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް އެމެރިކާއާއި ހުޅަނގުން ކުރާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް އޯޕީސީޑަބްލިއުގެ ޓީމުން ކުރަމުންދާ މަސައްކަތް ފުރިހަމައަށް ކުރެވޭނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ވެސް ރަޝިއާގެ ގަރާރުގައި ގޮވާލާފައި ވެއެވެ.

ފަނަރަ މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހަށް ރަޝިއާއިން ހުށަހެޅި ގަރާރު ފާސްކުރަން މަދުވެގެބް 9 ވޯޓު ބޭނުންވެއެވެ.

ރަޝިއާގެ ގަރާރާ އެއްކޮޅަށް، އެގައުމާއި ޗައިނާ އަދި ބޮލީވިއާއިން ވޯޓު ދިންއިރު، އެ ގަރާރާ ދެކޮޅަށް އަށް ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމެރިކާ، އިނގިރޭސީން، ފަރަންސޭސީން، ސްވިޑްން، ނެދަލޭންޑްސް، ޕޮލެންޑް، ކުވައިތު، އަދި އައިވަރީކޯސްޓް ހިމެނެއެވެ.

ވޯޓުގައި ބައިވެރި ނުވަނީ، ޕެރޫ، ކަޒަކްސްތާން، އިތިއޮޕިއާ އަދި އިކުއަޓޯރިއަލް ޖީނިއާއެވެ.

ހޮނިިހިރު ދުވަހު އެމެރިކާއާއި އެގައުމާ ގުޅިފައިވާ ގައުމުތަކުން، ސީރިއާގެ އާންމުންނާއި އަސްކަރިއްޔާގެ އެކި ތަންތަނަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވެއެވެ.

އެމެރިކާއިން ވަނީ، ސީރިއާގައި ކެމިކަލް ހަތިޔާރު އުފައްދާ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތައް ކާމިޔާބުކަމަށް ބުނެފައެވެ. އެދި އެފަދަ ތަންތަން އެކޮށް ހަލާކުކޮށްލެވިފައިވާ ކަމަށްވެސް އެގައުމުން ބުނެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، އެމެރިކާއިން ފޮނުވާލި 100އަށް ވުރެ ގިނަ މިސައިލް ހަމަލާތަކުގެ ތެރޭން 71 މިސައިލެއް، ސީރިއާގެ މިސައިލް އައްޑަނަތަކުގެ އެހީގައިގައި ވައްޓާލާފައިވާ ކަމަށެވެ.

ބައްޝާރުގެ ސަރުކާރުން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތު ތަކަކީ، ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ދިމިޝްގާއި ރަޝިއާއިން ވަނީ ބުނެފައެވެ.