ސިވިލް ސާވިސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ އެންމެ އެކަށީގެންވާ ފަރާތަށް ވަޒީފާ ދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

"ސިވިލް ސަރވިސް ކޮންފަރެންސް 2018" ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނޭނީ ޚިދުމަތާގުޅޭ މީހުންގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށެވެ.

މަސައްކަތަށް އެކަށޭނަ، ހުނަރު ހުރި، އެންމެ ޤާބިލު ފަރާތަށް ވަޒީފާ ހަމަޖެހިގެންދިއުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން ޢައްޔަން ކުރެވިގެން ދިއުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެންމެ ބޮޑަށް ބޭނުންކުރެވިދާނެ އެއްޗަކީ ޓެކްނޮލޮޖީ ކަމަށާއި ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ޓެކްނޮލޮޖީގެ ބޭނުންހިފައި، ކަރުދާސް ވީހާވެސް މަދުކޮށް، ޢާންމު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭން ތިބި ބައެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ތަފާތު ވިސްނުމުގެ މީހުން ތިބޭނެކަން ގަބޫލުކުރައްވާ ކަމަށާއި ހިޔާލު ތަފާތުވުމަކީ ދޭ ހިދުމަތަށް އޭގެ އަސަރު ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

"އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭ" ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.