ދީނީ މިނިވަން ކަމަށް ރާއްޖޭގައި އެއްވެސް ޖާގަައެއް ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެެއްޖެ އެވެ.

ޓެރެރިޒަމާއި ހައްދުފަހަނަ އަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ކުރުނބާ އައިލެންޑް ރިސޯޓުގައި މިއަދު ފެށި ސެމިނާރު ޝަރަފުވެރިކޮށްދެއްވައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އަބަދު ވެސް އޮންނާނީ މެދުމިނުގެ އިސްލާމީ އުސޫލުތައް ގެންގުޅޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

"އިސްލާމްދީން ޕްރޮމޯޓްކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް ތަބާވާތީވެ ގޮން ޖެހުންތައް އެބަދިމާވޭ. އެހެން ނަމަވެސް ރާއްޖޭގައި ދީނީ މިނިވަން ކަމަކަށް ޖާގައެއް ނުދެވޭނެ. ރާއްޖެއިން އަބަދު ވެސް އޮންނާނީ، މެދުމިނުގައި ހިފައްޓައިި ތަރައްގީއަށް އިސްކަންދޭ ސުލްހަވެރިގައުމެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން މިއަދު ފެށި ސެމިނާރުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި ހައްދުފަހަނައަޅައި ދިއުމާއި އަދި ޓެރެރިޒަމާ ދެކޮޅަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ. އެގޮތުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރެއް 2016 ވަނަ އަހަރު ރާއްޖޭގައި އުފައްދައިފައިވާ ކަމަށާއި ޓެރެރިޒަމާއި ހައްދަފަހަނައަޅައި ދިޔުމަށް ރާއްޖޭގައި ޖާގަ ނުދެއްވާނެ ކަމަށެވެ.

އިސްލާމްދީން ދުނިޔެއަށް އައުމުގެ ކުރިން ވެސް ކުށެއްނެތް މީހުން މެރުމާއި އަނިޔާވެރިކަން އޮތް ކަމަށާއި އެހެން ނަމަވެސް މިހާރު ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ޓެރެރިސްޓު ހަމަލާއެއް ދީފި ނަމަ މުސްލިމުންގެ ބޮލުގައި އަޅުވާކަން މިނިސްޓަރު ވަނީ ފާހަަގަކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެއްވެސް ހުއްޖަތެއް ނެތި އެފަދަ ހާލަތްތަކުގައި މުސްލިމުންގެ ބޮލުގައި ބަދުނާމު އެޅުވުމަކީ ވަރަށް ނާއިންސާފީ ކަމެއް ކަމަށެވެ.